ދުނިޔެ

ހަތިޔާރު އެޅި މީހަކު ޖަރުމަނުގެ ސިނަމާއަކަށްވަދެ ހަމަލާދޭން އުޅެފި

މޫނު ނިވާކޮށްގެންހުރި ހަތިޔާރު އެޅި މީހަކު ޖަރުމަނުގެ ސިނަމާއަށް ވަދެ ހަމަލާ ދޭން މަސައްކަތްކޮށްފި އެވެ. ޖަރުމަނު ފުލުހުންވަނީ އެމީހާ ގަޔަށް ބަޑި ޖަހައި މަރާލާފަ އެވެ.

ހަތިޔާރު އެޅި މީހާއަށް ދިން ހަމަލާތަކުގައި އިތުރު މީހަކަށް އަނިޔާއެއް ނުވި ނަމަވެސް ފުލުހުން ބޭނުންކުރި ކަރުނަ ގޭހުގެ ސަބަބުން 50 އެއްހާ މީހުންނަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. މިހާދިސާ ހިނގާފައިވަނީ ޖަރުމަނު ގަޑިން މިއަދު މެންދުރުފަހު 2:45 އެހާކަންހާއިރު އެވެ. ހަމަލާދޭން މަސައްކަތްކޮށްފައި ވަނީ ވިއާންހެއިމް އަވަށުގައި ހުންނަ ކިނޯޕޮލިސް ސިނަމާތެރޭގަ އެވެ.

ޖަރުމަނުގެ އިންޓީރިއާ މިނިސްޓްރީން ބުނީ މާސްކު އަޅައިގެން ހުރި އެ މީހާގެ އަތުގައި އޮތީ އަސްލު ބަޑިއެއްކަން ސާފުނުވާ ކަމަށާއި އަދި އެއީ ކާކުކަން ވެސް މިހާތަނަށް ކަށަވަރު ނުވާ ކަމަށެވެ.

ޖަރުމަނުގެ ސިނަމާއަކަށް ހަމަލާދޭން ހަތިޔާރު އެޅި މީހަކު މަސައްކަތް ކޮށްފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައި ހަތިޔާރު އެޅި މީހަކު އެމެރިކާގެ ނައިޓު ކްލަބަކަށް ހަމަލާދީ 49 މީހުން މަރާލާފައި ވަނިކޮށެވެ.