އިނގިރޭސިވިލާތް އީޔޫ އިން ވަކިވުމަށް އެ ގައުމުގެ ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތެއް ލިބުމާ އެކު އެ ގައުމުގެ ބޮޑު ވަޒީރު ޑޭވިޑް ކެމަރޮން އެ މަގާމުން ސްތިއުފާ ދެއްވަން ނިންމަވައި އެކަން މިއަދު އިއުލާން ކުރައްވައިފި އެވެ.
ވޯޓްގެ ނަތީޖާ އިއުލާން ކުރިތާ މާ ގިނައިރުތަކެއް ނުވެ، ބޮޑު ވަޒީރުގެ ގެކޮޅު، ޑައުނިން ސްޓްރީޓްގެ ބޭރުގައި މިއަދު ނޫސްވެރިންނާ މުހާތަބު ކުރައްވާ ކެމޮރޮން ވިދާޅުވީ، އީޔޫ އިން ވަކިވެ ގައުމުގެ ނައުގެ މިސްރާބު އެހެން ދިމާލަކަށް ގެންދިޔުމަށް އާ ލީޑަރެއް ބޭނުންވާ ކަމަށް އޭނާއަށް ގަބޫލު ކުރެއްވޭ ކަމަށެވެ. ކެމޮރޮން ވިދާޅުވީ، ގައުމުގެ ނައު ދަތުރުކުރާނެ މިސްރާބު ކަނޑައެޅުމަށް މިހާރު އޭނާ އަކީ އެންމެ އެކަށީގެންވާ މިހާއެއް ނޫނެވެ. އެހެންވެ، ގައުމު ހިންގާނެ އާ ލީޑަރަކަށް ބޭނުންވާ ކަމަށް ކެމޮރޮން ވިދާޅުވި އެވެ.
"މިއީ ފަސޭހަވެގެން ނިންމާ ނިންމުމެއް ނޫން. އެހެން ނަމަވެސް ރައްޔިތުން ވަކި ގޮތަކަށް ބަސް ބުނުމުން އެކަމަށް ޖާގަ ދޭން އެބަ ޖެހޭ. ގައުމުގެ މިސްރާބުން މުޅިން އާ ދިމާލަކަށް ރައްޔިތުން ގެންދަން ބޭނުންވާ އިރު އާ ލީޑަރެއް އެބަ ބޭނުންވޭ. މިިދިޔަ ހަ އަހަރު، އިނގިރޭސި ބޮޑު ވަޒީރު ކަމުގައި އަހަންނަށް ލިބުނު ފަހުރެއް،" އީޔޫ އިން ވަކިވުމާ ދެކޮޅަށް ކެމްޕޭން ކުރެއްވި ކެމޮރޮން ވިދާޅުވި އެވެ.
އެހެން ނަމަވެސް، ގައުމު ހަލަބޮލިވިޔަ ނުދިނުމަށް ޓަކައި، އޮކްޓޯބަރު މަހު ބާއްވާ ކޮންޒަވޭޓިވް ޕާޓީގެ ކޮންވެންޝަންއާ ހަމަޔަށް އޭނާ މަގާމުގައި ދެމި ހުންނަވާނެ ކަމަށް ވެސް ބޮޑު ވަޒީރު ވިދާޅުވި އެވެ.
އީޔޫ އިން ވަކިވުމަށް ރައްޔިތުންގެ މެދުގައި އިއްޔެ ނެގި ފެންނަ ނުފެންނަ ވޯޓްގައި، ވޯޓުލީ މީހުންގެ 52 ޕަސަންޓު މީހުންވަނީ އިނގިރޭސިން އީޔޫ އިން ވަކިވާން ވޯޓު ދީފަ އެވެ. އެއީ 7.8 މިލިއަން މީހުންނެވެ.