އެމްޑީޕީ

ހުމާމު މަރަނީ ގަތުލުގެ ހަގީގަތް ފޮރުވަން: އެމްޑީޕީ

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގެ އަޑީގައި ތިބި ބަޔަކު ނުހޯދައި، އަފްރާޝީމް އަވަހާރަކޮށްލިކަމުގެ ކުށް ސާބިތުވެ މަރަން ހުކުމް ކޮށްފައިވާ ހ. ލޮބީ ހުސެއިން ހުމާމު އަހުމަދު މަރައިގެން ނުވާނެ ކަމަށް އެމްޑީޕީއިން ބުނެފި އެވެ. އެމްޑީޕީއިން ބުނީ، ހުމާމު މަރަނީ އެ ގަތުލުގެ ހަގީގަތް ފޮރުވުމަށް ކަމަށެވެ.

ސުޕްރީމް ކޯޓުން ހުމާމު މަރަން ހުކުމްކުރުމާ ގުޅިގެން އެކަމާ ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، އަފްރާޝީމް އަލީ އަވަހާރަ ކޮށްލާފައިވަނީ ބަޔަކު އަޑީގައި ތިބެ ރޭވި އިންތިޒާމުވެގެން ހިންގާފައި ގަތުލެއްކަން ރަނގަޅަށް އެނގޭއިރު، އެކަމުގެ އަޑީގައި ތިބި ބަޔަކު ހޯދުމުގެ ފުރިހަމަ ތަހުގީގެއް ހިންގައި އެބަޔަކު ހޯދުމެއް ނެތި، މެންދަމުގެ ވަގުތުގައި ސުޕްރީމް ކޯޓު ހުޅުވައި، ހުމާމު މަރާލުމަށް ތާއީދުކޮށް އެ މައްސަލަ ނިންމާފައިވާތީ ންބޮޑުވާ ކަމަށެވެ.

އަފްރާޝީމް އަވަހާރަކޮށްލުމުގެ އަޑީގައި ތިބި ބަޔަކު ހޯދައި ތަހުގީގު ނިމެންދެން ހުމާމު ނުމަރާ ފަސްކުރުމަށް އަފްރާޝީމްގެ ބައްޕަ އަދި ބޭބެ އެދިފައިވާއިރު، އެކަމަށް ބެލުމެއް ނެތި ސުޕްރީމް ކޯޓުން ހުމާމު މަރަން ހުކުމްކުރުމުން ވެސް އެމްޑީޕީއިން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.

ސުޕްރީމް ކޯޓަށް އަފްރާޝީމްގެ ވާރިސުން ފޮނުވި ސިޓީ ބަަލައިގެންފައެއް ނުވެ އެވެ. ސިޓީ ބަލައިނުގަތީ ނުރަސްމީ ގަޑިއެއް ކަމަށް ބުނެ އެވެ.

އެމްޑީޕީއިން ބުނީ، އާއިލާގެ ފަރާތުން ފޮނުވި ސިޓީ ބަލައިގަނެފައި ނުވަނީ ރޭގަނޑުގެ ބަންދު ގަޑިއަށްވީތީ ކަމަށް ސުޕްރީމް ކޯޓުން ބުނެފައިވާއިރު، ރޭގަނޑުގެ މެންދަމު 2:00 ޖަހާއިރު ކޯޓު ހުޅުވައިގެން މަރުގެ ނިޔާއެއް ކަނޑައެޅޭނަމަ، އެ މަރުހިފުން މަނާކުރުމުގެ ހައްގު ލިބިފައިވާ ވާރިސުން ފޮނުވާ ސިޓީ ރޭގަނޑު ބަލައި ނުގަނެވެންވީ ސަބަބެއް ނެތް ކަމަށެވެ.

"ބައި ގަރުނު ވަންދެއް ގާއިމުނުކޮށް އޮތް މަރުގެ އަދަބުދިނުން އަލުން ފަށައި ހުމާމު މަރާލުން ސަރުކާރަށާއި ސުޕްރީމް ކޯޓަށް މިހާ މުހިއްމުވެފައިވުމީ، މި މައްސަލައާ މެދު ރައްޔިތުންގެ ޝައްކުތަކާއި ކަންބޮޑުވުންތައް އިތުރުވެގެންދިއަ ކަމެއް،" އެމްޑީޕީއިން ބުންޏެވެ.

ހުމާމުގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ނުކުރުމަށާއި އެ ހުކުމް އަލުން މުރާޖާކޮށް ބަދަލުކުރުމަށް އެމްޑީޕީއިން ވަނީ ގޮވާލާފަ އެވެ.