އެމްޑީޕީ

ތަސްދީގުކުރަން އިހުތިޔާރެއް ނެތް، ފަސްކުރާނަމަ ކޯޓަށްދާނަން: އެމްޑީޕީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަ މަހުގެ ފަހުން ބާއްވަން ދެވަނަ ފަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާއިރު ބިލް ތަސްދީގުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް އޮތް އިހުތިޔާރެއް ނޫން ކަމަށާއި ބިލް ތަސްދީގުކުރުން ފަސްކުރާނަމަ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.

މަޖިލިސް އިންތިހާބަށް އެމްޑީޕީން ފަށާފައިވާ "މިސްރާބު ހަމަ މަގަށް" ކެމްޕޭން ނޫސްވެރިންގެ ބައްދަލުވުމުގައި ކެމްޕޭންގެ ތަރުޖަމާނު އަދި މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ވަނީ ބިލް އަވަހަށް ތަސްދީގުކޮށް ގާނޫނަށް އަމަލުކުރެވޭނެ މަގު ފަހިކޮށްދިނުމަށް ގޮވާލާފަ އެވެ.

އީސަ ވަނީ މިފަދަ ހާލަތެއްގައި ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމުމެއް ނިންމާފައިވާކަން ފާހަގަކުރައްވާފަ އެވެ.

"މީގެ ކުރީގައި މިފަދަ ހާލަތެއްގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުންވެސް ނިންމާފަ އެބަ އޮތް އިންސާނީ ބާރު ނުފޯރާ ގުދުރަތީ ކާރިސާއެއް މެދުވެރިވެފަ ނެތް ހާލަތެއްގައި ނަމަ އެއްވެސް ލަސްކުރުމެއް ނެތި ތަސްދީގުކުރަންވާނެ ކަމަށް،" އޭނަ ވިދާޅުވި އެވެ.

އެހެންކަމުން އެފަދަ އެއްވެސް ސަބަބެއް ނެތި ބިލް ތަސްދީގުނުކޮށް މަޑުކުރައްވައިގެން ހުންނެވުމަކީ ގާނޫނުއަސާސީ އާ ހިލާފުވުން ކަމަށާއި މަޖިލީހަށް ލިބޭ ބާރަށް ނުފޫޒު ފޯރުވުން ކަމަށް އީސަ ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހުން އިއްޔެގަ އެ ފާސްކުރި ފާސްކުރުމާއި ގުޅޭ ގޮތުން ގޮތެއް ނިންމުމުގެ އިހުތިޔާރަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް މިހާރު އޮތް އިހުތިޔާރެއް ނޫން،" އީސަ ވިދާޅުވި އެވެ.

އޭނަ ވިދާޅުވި ގޮތުގައި އެއީ މަޖިލީހަށް އޮތް އިހުތިޔާރެކެވެ. އަދި އެ އިހުތިޔާރުގެ ބޭނުންކޮށް މަޖިލީހުން ގޮތް ކަނޑައަޅާފައިވާ ކަމަށް ވިދާޅުވި އެވެ.

"އެ ގާނޫނު ތަސްދީގުކުރާނަންތޯ ނުކުރާނަންތޯ ގޮތް ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އޮތް އިހުތިޔާރެއް ނޫން،" އީސަ ވިދާޅުވި އެވެ.

ބިލް ތަސްދީގުކުރުން ފަސްކުރާނަމަ ސުޕްރީމް ކޯޓަށް ދާނެ ކަމަށްވެސް އީސަ ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސުޕްރީމް ކޯޓަށް ދާން އަޅުގަނޑުމެން ޖެހޭ ފަދަ ހާލަތެއް އޮތް ކަމަކަށް އަދި ނުފެނޭ. އޮވެއްޖެނަމަ އަޅުގަނޑުމެން ސުޕްރީމް ކޯޓަށް ދާނަން،" އޭނަ ވިދާޅުވި އެވެ.

އީސަ ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓަށް ދާންޖެހޭ ފަދަ ހާލަތެއް އޮތް ކަމަށް ގަބޫލު ނުކުރަނީ އެކަމާ ގުޅޭ ގޮތުން މީގެ ކުރިން ސުޕްރީމް ކޯޓުގެ ނިންމުންތައް ހުރުމުންނެވެ.