ފައްޔާޒް އިސްމާއީލް

ސަރުކާރު ޖަވާބުދާރީ ނުކުރެވޭނަމަ މިނިވަންކަން ގެއްލިގެންދާނެ: ފައްޔާޒް

މި ސަރުކާރު ޖަވާބުދާރީ ނުކުރެވޭނަމަ މިނިވަންކަމާއި ހައްގުތައް ގެއްލިގެންދާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ފުވައްމުލައް ސިޓީގައި އެމްޑީޕީން ރޭ ބޭއްވި ޖަލްސާއެއްގައި ފައްޔާޒް ވިދާޅުވީ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ނުދީ އެމްޑީޕީ މެންބަރުން މަޖިލީހުގައި ތިބެގެން ސަރުކާރު ޖަވާބުދާރީ ކުރުވަންޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން ނިކުމެ މި ސަރުކާރު ޖަވާބުދާރީ ނުކުރެވޭ ކަމަށްވާނަމަ އުމްރާނީ ތަރައްގީއެއްވެސް ނުލިބޭނެ އަދި އަޅުގަނޑުމެންނަށް ލިބިފައިމިވާ މިނިވަންކަމާއި ހައްގުތައް ވަރަށް އަވަހަށް ގެއްލިގެންދާނެކަމާ ދޭތެރޭ ކުޑަކޮށްވެސް ޝައްކު ނުކުރައްވާތި،" ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ މި ސަރުކާރަށް ގައުމެއް ހިންގާނެ ގޮތެއްވެސް ތަރައްގީކުރާނެ ގޮތެއްވެސް ނޭނގޭ ކަމަށާއި މަޝްރޫއުތަކަށް ފައިސާ ހޯދާ އެކަންކަން ކުރިއަށް ގެންދާނެ ގޮތެއްވެސް ނޭނގޭ ކަމަށެވެ.

ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމުގެ ޖަލްސާ ޣިޔާސުއްދީން ސްކޫލުގައި ކުރިއަށް ދަނިކޮށް ހިނގައިދިޔަ ކަންކަމާއި ގުޅޭ ގޮތުން ފައްޔާޒް ވިދާޅުވީ އެކަމުން ފެނިގެންދިޔައީ ރައްޔިތުންނަކީ ބައެއް ކަމަށް ނުބަލައި ބާރު ގަދަކުރާތަން ކަމަށެވެ.