މާލެއަށް މިދިޔަ ފަސް އަހަރު ކޮށްދިން ކަމެއް ފެންނަން ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ސަރުކާރު ކޯލިޝަންގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓެއްގެ ކެމްޕޭން ހަރަކާތުގައި ރައީސް މުއިއްޒު ވިދާޅުވީ ނިމިދިޔަ އެމްޑީޕީ ސަރުކާރަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުނު ނަމަވެސް މާލޭގެ ރައްޔިތުންނަށް ކޮށްދެވުނު ކަމެއް ފެންނަން ނެތް ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގެދޮރުވެރިކަމުގެ މައްސަލަ ކަމަށެވެ.
ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުވާން ރައްޔިތުން ބޭނުންވާ ކަމަށާއި މަގުތައް ހެދުމާއި ޕާކިން މައްސަލަ ހައްލުވާން ރައްޔިތުން ބޭނުންވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
"އެންމެ ފުރަތަމަ ބޯހިޔާވަހިކަން ދެން އެހެން ކަންކަން. މިކަންކަން ކޮށްދެވޭނީ މަޖިލިސްގެ އެއްބާރުލުން ސަރުކާރަށް ލިބިގެން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް އޭރު ސަރުކާރުން މާލެ ކައިރީ ނުހިއްކާ އޮތް ފަޅަކުން ގޯތި ދިނީ ރައްޔިތުންނަށް ހެޔޮ އެދިގެން ނޫނެވެ.
ރައްޔިތުންގެ މަޖިލިސް ތެރެއިން ސަރުކާރަށް މިދިޔަ ހަތަރު މަސް ތެރޭ އެކި ގޮތްގޮތުން ހުރަސްތައް ކުރިމަތިވިކަން ރައީސް މުއިއްޒު ވަނީ ފާހަގަކުރައްވާފަ އެވެ. އަދި ކުރިއަށް އޮތް މަޖިލީހުގެ ދައުރު އިދިކޮޅަށް ދީފިނަމަ އެކަން ތަކުރާރުވާނެ ކަމަށާއި އޭގެ ގެއްލުން ރައްޔިތުންނަށް ލިބޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.