ހައުސިން މިނިސްޓްރީ

ތަރައްގީގެ އިތުރު މަޝްރޫއުތަކަށް ފަންޑު ހޯދަން އޭއައިއައިބީއާ މަޝްވަރާކޮށްފި

އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ފަންޑު ހޯދަން އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ)އާ ރާއްޖެއިން މަޝްވަރާކޮށްފި އެވެ.

އެ މަޝަވަރާ ބައްދަލުވުން ބޭއްވީ އޭއައިއައިބީގެ ފުރަތަމަ އަހަރީ ބައްދަލުވުމަށް ރާއްޖޭގެ ވަފުދެއް ކުރެއްވި ދަތުރުގެ ތެރެއިންނެވެ. އޭއައިއައިބީއާއެކު ކުރެއްވި މަޝްވަރާގައި އަލަށް އައްޔަން ކުރި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރާއި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެލެއްވި އެވެ. އެ ދެ ބޭފުޅުން ބައްދަލުކުރެއްވީ އޭއައިއައިބީގެ ރައީސް ޖިން ލިކަންއާއެވެ.

މިކަމާ ގުޅިގެން ހައުސިން މިނިސްޓްރީ އިން ބުނީ އެ ބައްދަލުވުން ވަރަށް ކާމިޔާބު ކަމަށާއި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް އޭއައިއައިބީގެ އެހީ ލިބުމުގެ ފުރުސަތު ބޮޑުވެއްޖެ ކަމަށެވެ.

އޭއައިއައިބީ ބޭންކަކީ، އޭޝިއާގެ ގައުމުތަކުގެ ގުޅުން ރަނގަޅުކޮށް ސަރަހައްދީ އެހެން ބޭންކް ތަކާއި ގުޅިގެން، އޭޝިއާގެ ގައުމުތަކުގެ އިގްތިސާދީ އަދި އުމްރާނީ ތަރައްގީއަށް މަސައްކަތް ކުރުމަށް ޗައިނާގެ ރައީސް ޝީ ޖިން ޕިންގެ އިސްނެންގެވުމުގެ ދަށުން އުފެއްދި ބޭންކެކެވެ. އަދި އެ ބެންކުގެ ޑީރެކްޓަރުންގެ ބޯޑުގައި ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހިމެނިވަޑައިގަންނަވަ އެވެ.