ދުނިޔެ

މުސްލިމުންނާ މެދު ޓްރަމްޕް ގެންގުޅޭ "ހަރުކަށި ވިސްނުން" ބަދަލު ކުރަނީ

Jun 26, 2016

ގައުމުން ބޭރު މުސްލިމުންނަށް އެމެރިކާއަށް ވަނުން މަނާ ކުރުމަށް ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ގެންގުޅުނު "ހަރުކަށި ސިޔާސަތު" ބަދަލު ވާން ފަށައިފި އެވެ.

ޓްރަމްޕްގެ ތަރުޖަމާން ހޮޕް ހިކްސް ވިދާޅުވީ، މުސްލިމުންނާ މެދު ޓްރަމްޕް ގެނގުޅުނު ހަރުކަށި ވިސްނުން މުރާޖާ ކުރެއްވުމަށް ޓްރަމްޕް މިހާރު ބޭނުން ފުޅުވާ ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު ޓަރަމްޕްގެ ވިސްނުން ހުރީ، ގައުމުން ބޭރު ހުރިހާ މުސްލިމުން އެމެރިކާއަށް ވަނުން މަނާ ކުރުމުގެ ސިޔާސަތު ދޫކޮށްލުމަށްފަހު، ހަމައެކަނި "ޓެރަރިސްޓް އަމަލުތައް" ހިންގާ ގައުމުތަކުގެ މުސްލިމުން އެމެރިކާއަށް ވަނުން މަނާ ކުރުމުގެ ސިޔާސަތުގައި ހިފެހެއްޓުން ކަމަށެވެ.

ހިޕްސް މިކަން ހާމަ ކުރުމުގެ ކުރިން، ޓްރަމްޕް ވަނީ ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ގުޅިގެން ވެސް އެކަމަށް އިޝާރާތް ކުރައްވައިފަ އެވެ.

އެގޮތުން އިއްޔަ ސްކޮޓްލެންޑަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ އިރުމަތީ އައްސޭރީގެ ގޮލްފް ކުޅޭ ސަރަހައްދެއްގައި، ޓްރަމްޕް ގޮލްފް ކުޅުއްވާތަން ބަލައިލުމަށް ނޫސްވެރިންނަށް އޭނާ ވަނީ ދައުވަތު ދީފަ އެވެ. އެ ފުރުސަތުގައި ނޫސްވެރިޔަކު ޓްރަމްޕާ ސުވާލުކުރީ، "ސްކޮޓްލެންޑްގެ މުސްލިމުންނަށްވެސް އެމެރިކާއަށް ވަނުން މަނާ ކުރާނަންތޯ؟" އެވެ. ސުވާލަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވިދާޅުވީ "އަހަރެން އެކަމާ ނުބެހޭނަން" ކަމަށެވެ.

މުސްލިމުންނާ މެދު ޓްރަމްޕްގެ ގެންގުޅެމުންދާ ހަރުކަށި ސިޔާސަތުގެ ސަބަބުން، އެމެރިކާގެ އެތެރެއިންނާއި ބައިނަލްއަގުވާމީ ދުނިޔެއިންވެސް އޭނާއަށް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވެފަ އެވެ. އަދި އެފަދަ ގަބޫލު ކުރުންތައް ހުރި މީހަކު އެމެރިކާގެ ރައީސް ކަމަށް ގެނައުމަކީ ހެޔޮވާވަރު ކަމެއް ނޫން ކަމަށް ބުނެ ފާޑުކިޔުންތައް ވެސް ވަނީ އަމާޒުވެފަ އެވެ.