ދުނިޔެ

އެންއެސްޖީގެ ނާކާމިޔާބަށްފަހު އިންޑިއާގެ މިސްރާބު މިސައިލް ޓެކްނޮލަޖީ ގުރޫޕަށް

ނިއުކްލިއާ އިއްތިހާދު (އެންއެސްޖީ) މެންބަރުކަން ހޯދަން އިންޑިއާ އިން ކުރި މަސައްކަތް ނާކާމިޔާބު ވުމުން އެ ގައުމުގެ މިސްރާބު މިހާރު ހުރީ މިސައިލް ޓެކްނޮލަޖީ ކޮންޓްރޯލް ކުރާ ގައުމުތައް ހިމެނޭ ޖަމްއިއްޔާ (އެމްޓީސީއާރް) ގެ މެންބަރަކަށް ވުމަށް ކަމަށް އިންޑިއާގެ ހާރިޖީ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

މިދިޔަ ބްރާސްފަތި ދުވަހު ދެކުނު ކޮރެއާގެ ސޯލްގައި ބޭއްވި އެންއެސްޖީގެ ބައްދަލު ވުމަށް އިންޑިއާއިން ވަނީ، އެ އިއްތިހާދުގެ މެންބަރަކަށް ވުމަށް އެދި ހުށަހަޅާފައެވެ.

ނަމަވެސް ޗައިނާގެ ވަރުގަދަ ނުފޫޒެއް އޮތް ބައްދަލުވުމަށް، އިންޑިއާއަށް އެ އިއްތިހާދުގެ މެންބާޝިޕް ނުލިބުނީ ނިއުކްލިއާ މަދު ކުރުމާ ބެހޭ މުއާހަދާ އިންޑިއާއިން ސޮއިކޮށްފައި ނުވާތީއެވެ.

އިންޑިއާގެ ސަންޑޭ އެކްސްޕްރެސް ނޫހުން ބުނެފައިވަނީ، އެމްޓީސީއާރްގެ މެންބަރުކަމަށް ހުށަހެޅުމަށް ފޮރިން ސެކެޓްރީ ޖަޔާ ޝަންކަރު މާދަމާ އޮންނަ ބައްދަލުވުމަށް ހުށަހެޅުއްވުމަށް ތައްޔާރު ވަމުންދާ ކަމަށެވެ.

މީގެ އިތުރުން އެކްސްޕޯޓް ކޮންޓްރޯލް ރެޖީމްގެ މެންބަރަކަށްވުމަށްވެސް އިންޑިއާއިން ދަނީ ހުށަހެޅުމަށް ތައްޔާރުވަމުންނެވެ.

އެމްޓީސީއާރު ގެ މެންބަރަކަށްވުމަށް އިންޑިއާ ހުށަހަޅަނީ، އިންޑިއާއާ އެމެރިކާއާ ދެމެދު 2008 ވަނަ އަހަރު ވެވުނު ނިއުކްލިއާ އެއްބަސްވުމުގެ ދަށުން ހުށަހެޅުނު ހުށަހެޅުމަކާ ގުޅިގެންނެވެ.

އިންޑިއާއިން ވަނީ މިދިޔަ އަހަރު ޖޫން މަހުވެސް އެންޓީސީއާރުގެ މެންބަރަކަށް ވުމަށް ހުށަހާލާފައެވެ. ނަމަވެސް އިޓަލީގެ ރޯމުގައި ބޭއްވުނު ބައްދަލުވުމުގައި، އޭރު އިޓަލީއިން ވަނީ އިންޑިއާއަށް މެންބަރު ކަން ނުދިނުމަށް އިދިކޮޅުގައި ބޮޑު ދައުރެއް އަދާކޮށްފައެވެ.

އެންއެސްޖީގެ މެންބަރުކަން އިންޑިއާއަށް ނުލިބުމުގައި ގައި ޗައިނާގެ ވތުގަދަ ނުފޫޒު ހިމެނުނަމަވެސް، އެމްޓީސީއާރުގައި އެފަދަ ހުރަހެއް އިންޑިއާ ކުރިމަތި ނުވާނެއެވެ. އެއީ އިއްތިހާދުގައި ޗައިނާ ނުހިމެނޭތީއެވެ.