ހައްދު ފަހަނައަޅާފައިވާ ހަނގުރާމަވެރި ޖަމާއަތް އަލް ޝަބާބުން ސޯމާލިއާގެ ވެރިރަށް މޮގަދިޝޫގެ ހޮޓަލަކަށް ހަމަލާދީ 15 މީހުން މަރާލައިފި އެވެ. މިހަމަލާތަކުގެ 20 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އިއްޔެ ދިން މިހަމަލާގެ ޒިންމާ އަލް ޝަބާބުން އުފުލާފައިވާއިރު ރިޕޯޓުތައް ބުނަނީ އިއްޔެގެ މި ހަމަލާތަކުގައި ބަޑިން ހަމަލާ ދިނުމުގެ އިތުރުން އަމިއްލަ އަށް މަރުވެގެން ބޮމުގެ ދެ ހަމަލާއެއްވެސް ދީފައިވާ ކަމަށެވެ.
ސޯމާލިއާގެ ސެކިއުރިޓީ އޮފިޝަލަކާ ހަވާލާދީ ރިޕޯޓުތައް ބުނަނީ ހަމަލާ ދީފައިވަނީ ތިނެއް ނުވަތަ ހަތަރު މީހުންގެ ގުރޫޕަކުން ކަމަށާއި އެމީހުން ހޮޓަލަށް ވަދެފައިވަނީ އެންމެ ބާރު ބޮޑު މަގުން ކަމަށެވެ. އަދި މެޝިން ބަޑިންވެސް ހަމަލާދީފައިވާ ކަމަށްވެ އެވެ.
މިހަމަލާގައި މަރުވި ގިނަ މީހުންނަކީ ފަތުރުވެރިން ކަމަށްވެ އެވެ. މަންޒަރު ދުށް މީހަކާ ހަވާލާދީ ބުނެފައިވަނީ އަލް ޝަބާބުން ދިޔައީ އެމީހުންނަށް ފެނުނު ކޮންމެ މީހެއްގެ ގަޔަށް ބަޑި ޖަހަމުން ކަމަށާއި އެމީހާވެސް ސަލާމަތްވީ ވަލު ދޮރޯށިން ނުކުތުމުން ކަމަށެވެ. މިހަމަލާ ދިން އިރު އެގައުމުގެ އެންވާރަމެންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ބުރސީ މުހައްމަދު ހަމްޒާ ވެސް އެ ހޮޓަލުގައި ހުރި ކަމަށްވެ އެވެ. މިނިސްޓަރު އަވަހާރަވި ކަމެއް ނުވަތަ ސަލާމަތްވި ކަމެއް އަދި ޔަގީން ނުވާކަމަށްވެ އެވެ.
އަލްޝަބާބުން ކޮންމެ އަހަރެއްގެ ރޯދަމަހުވެސް ސޯމާލިއާއަށް ހަމަލާދޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.