ދުނިޔެ

އައިއެސްގެ ބާރުގެ ދަށުން ފަލޫޖާ އަތުލައިފި: އޮފިޝަލް

Jun 27, 2016

އިސްލާމިކް ސްޓޭޓްގެ ބާރުގެ ދަށުގައި އޮތް އިރާގުގެ ފަލޫޖާ ސިޓީގެ ކޮންޓްރޯލް އަނބުރާ އަތުލެވިއްޖެ ކަމަށް އިރާގުގެ އަސްކަރިއްޔާގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

އިރާގްގެ އަސްކަރިއްޔާގެ ލެފްޓިނެންޓް ޖެނަރަލެއް ކަމަށްވާ އަބްދުލް ވައްހާބު އަލް ސާދީ ވިދާޅުވީ ފަލޫޖާގެ އެންމެ އުތުރުގައި އޮންނަ އަލް ޖުލާން ސަރަހައްދަށް އިރާގުގެ އަސްކަރިއްޔާގެ ފައުޖުތައް ވަދެ، އެސަރަހައްދުގެ ކޮންޓްރޯލް ހޯދާފައިވާ ކަމަށެވެ.

އަލް ޖުލާންއަކީ ފަލޫޖާ ނިމޭ ހިސާބުގައި އޮންނަ ސަރަހައްދެވެ.

"އެމެރިކާގެ އަސްކަރީ ކޯލިޝަންގެ އެހީތެރިކަމާއެކު، އިރާގުގެ މުޅި ފަލޫޖާ އެއްކޮށް އިރާގުގެ ސިފައިންނަށް މިވަނީ ހޯދިފަ،" އަބްދުލް ވައްހާބު ވިދާޅުވިއެވެ.

"ފަލޫޖާ މިނިވަން ކުރުމުގެ ހަނގުރާމަ މިވަނީ ކަމިޔާބު ވެފަ، އިރާގުގެ ރައްޔިތުންނަށާއި އެމިޝަންގެ ޗީފް ކޮމާންޑަރަށް މަރުހަބާ ދަންނަވަން" އިރާގްގެ ގައުމީ ޓީވީ މެދުވެރި ކުރައްވާ ވާހަކަ ދައްކަވަމުން އަބްދުލް ވައްހާބު ވިދާޅުވިއެވެ.

އިއްޔެ ބަދަލު ކުރި ހަމަލާތަކަށްފަހު ފަލޫޖާ އައިއެސްގެ ބާރުގެ ދަށުން މިނިވަން ވެފައިވައިރު، މީގެ ދެ ހަފުތާ ކުރިން އިރާގުގެ ބޮޑު ވަޒީރު ހައިދަރުލް އާބާދީ ވިދާޅުވީ ފަލޫޖާ މިނިވަން ވުމުގެ ވަގުތު ކައިރިވަމުން އަންނަ ކަމަށެވެ.

އދ. ގެ ރެފިއުޖީންނާބެހޭ އިދާރާއިން ބުނީ އައިއެސްއިން ފަލޫޖާ ހިފި ފަހުން 85000 ވުރެ ގިނަ މީހުން، އެ ސީޓީ ދޫކޮށް އިރާގުގެ އެހެން ސަރަހައްދުތަކަށް ހިޖުރަކޮށްފައިވާ ކަމަށެވެ.

އައިއެސްގެ ބާރުގެ ދަށަށް ފާލުޖާދިޔައީ 2014 ވަނަ އަހަރު ޖަނަވަރީ މަހުއެވެ.