ފުރަތަމަ ފަހަރަށް ފްލެޓެއް ގަންނަ އިރު ސަރުކާރަށް ދައްކަން ޖެހޭ ޓެކްސް އިން އިސްތިސްނާ ކުރުމަށް ހުށަހެޅި އިސްލާހު މަޖިލީހަށް ބަަލައިގަނެ ގައުމީ ތަރައްގީއާބެހޭ ކޮމިޓީއަށް ފޮނުވައިފި އެވެ.
ރާއްޖޭގެ ބިމައި ބެހޭ ގާނޫނަށް ސަރުކާރު ފަރާތުން ފުނަދޫ ދާއިރާގެ މެންބަރު އަލީ ސަލީމް ހުށަހެޅި މި އިސްލާހު ބަލައިގަންނަން ފާސްވީ ވޯޓުގައި ބައިވެރިވި 53 މެންބަރުންގެ އިއްތިފާގުންނެވެ. އެގޮތުން އެ އިސްލާހު އިތުރަށް ދިރާސާ ކުރަން ގައުމީ ތަރައްގީއާ ބެހޭ ކޮމިޓީއަށް ފޮނުވުމަށް ރިޔާސަތުން ނިންމެވީ އެވެ.
މި އިސްލާހުގައި ބުނާ ގޮތުން އެއްމެދު އިމާރާތެއްގެ ފްލެޓެއް ވިއްކުމުގެ މުއާމަލާތުގައި އެ ފްލެޓު ގަންނަ މީހާއަށް 18 އަހަރު ފުރިފައި އެއީ އެފަދަ ފްލެޓެއް ގަންނަ ފުރަތަމަ ފަހަރު ކަމުގައި ވާނަމަ އެ ފްލެޓް ގަންނަ ފަރާތުން ސަރުކާރަށް ދައްކަން ޖެހޭ ޓެކްސް ދެއްކުމުން އިސްތިސްނާވެގެން ދެއެވެ. އަދި އެމީހެއްގެ ނަމުގައި އިތުރު ބިމެއް އޮތް ނަމަވެސް ހަމަ އެގޮތަށް އަމަލު ކުރަން ޖެހޭ ކަމަށް އެ އިސްލާހުގައި ބުނެފައި ވެއެވެ.
މި ބިލަށް ބަހުސް ކުރަން ތިން ގަޑިއިރުގެ ވަގުތެއް ދެއްވި އިރު ޕީޕީއެމް އާއި ޖޭޕީގެ މެންބަރުން އަލަށް ފްލެޓެއް ގަންނަ ފަރާތްތަކަށް ޓެކްސް ދައްކަން ނުޖެހޭ އިސްލާހަށް ތާއީދު ކުރެއެވެ. އެ އިސްލާހަށް އެމްޑީޕީ ބައެއް މެންބަރުންވެސް ތާއީދު ކުރި ނަމަވެސް ޓެކްސް ނެގުމުގައި ސަރުކާރުން ގެންގުޅޭ އުސޫލުތަކަށް ވަރަށް ބޮޑަށް ފާޑު ކިޔެވެ.
އެގޮތުން މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ އުސޫލެއްގެ ގޮތުން މި ބިލަށް ތާއީދު ކުރި ނަމަވެސް ސަރުކާރުން މިފަދަ ކަންތައް ކުރާ މަގްސަދަށް އިތުބާރު ނުކުރެވޭ ކަމަށެވެ. އަދި އެއްކޮޅުން ފްލެޓުތަކުގެ ޓެކްސް ކަނޑަން ނިންމި ނަމަވެސް އިތުރު ޓެކްސްތައް ތައާރަފްކޮށް ރައްޔިތުން އަތުން އެ ފައިސާ އަތުލަމުން ދާކަމެވެ.
ނަމަވެސް އެއަށް ރައްދު ދެއްވަމުން ޕީޕީއެމްގެ މެންބަރުން ވިދަޅުވީ މި އިސްލާހުގައި ކޮމިޓީ މަރުހަލައިގައި ރަނގަޅުކޮށްލަން ޖެހޭ ކަމެއް ހުރެދާނެ ކަމަށާއި ނަމަވެސް މިއީ ރައްޔިތުންގެ ބޯހިޔާވެހިކަން ޔަގީން ކުރުމަށް އެޅޭ ބޮޑު ފިޔަވަޅެއް ކަމަށެވެ.