ރައްޔިތުންގެ މަޖިލިސް

ޓާޓާ ފްލެޓްތަކުގެ އަގުގެ މައްސަލާގައި ބޭއްވި ކޮމެޓީ ސިއްރުކޮށްފި

ގާކޮށި އަދި އަރަބިއްޔާ ސްކޫލް ބިމުގައި އިމާރަތް ކޮށްފައިވާ ފްލެޓްތަކަށް ޓާޓާ ކުންފުންޏަށް ސަރުކާރުން އެއް ފަހަރާ ދައްކަންޖެހޭ ފައިސާގެ އަދަދު ބޮޑުވުމާއި ބެހޭގޮތުން މަޝްވަރާކުރަން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުން ސިއްރުކޮށްފި އެވެ.

މާލިއްޔަތު ކޮމެޓީގެ މިއަދުގެ ބަައްދަލުވުމުގައި ޓާޓާ ކުންފުންޏަށް ސަރުކާރުން އެއް ފަހަރާ ދައްކަން ޖެހޭ ފައިސާގެ އަދަދު ބޮޑުވުމާއި ބެހޭގޮތުން މަޝްވަރާކުރުމުގެ އިތުރުން ފްލެޓްތަކުގެ އަގު ބޮޑުވެފައިވާ މައްސަލަ އާއި ގުޅޭގޮތުން މިހާތަނަށް ހޯދާފައިވާ ލިޔެކިޔުންތަކާއި ގުޅޭގޮތުން މަޝްވަރާކުރަން އެޖެންޑާ ކޮށްފައި ވެއެވެ.

ޓާޓާއިން މާލޭގައި އިމާރާތް ކުރި ފްލެޓްތަކާއި ގުޅޭ ގޮތުން ހައުސިން މިނިސްޓްރީ އިން ކުރިން ބުނެފައި ވަނީ ވެށި ފަހި ޕްރޮގްރާމްގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކަށް ފްލެޓްތައް ދޭނީ މަހުގެ ކުލީގެ ގޮތުގައި 9،000ރ. އާއި 7،000ރ. އާ ދެމެދުގެ އަގެއްގައި ކަމަށެވެ. އެހެން ނަމަވެސް އެފްލެޓް ލިބުނު ކަމުގެ ލިޔުން ހަވާލު ކުރި ފަހުން ވެސް މިހާރު ތިން އަހަރު ފާއިތުވެގެން ދިޔުމާއި، 2010 ވަނަ އަހަރު މަސައްކަތް ފެށި އެ ފްލެޓްތަކުގެ މަސައްކަތް ނުނިމުމުގެ ސަބަބުން، ފްލެޓްތައް ހެދުމަށް ބޭނުންވާ އަގުތައް ބޮޑުވެގެން ގޮސްފައިވާ ކަމަށް މިފަހުން ހައުސިން މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

ގެދޮރުވެރިކަން ސިޔާސަތުގެ ދަށުން މާލޭގައި އިމާރާތް ކުރަން ހަމަޖެހިފައިވާ ފްލެޓުތަކުގެ ތެރެއިން ގާކޮށީގައި އިމާރާތް ކޮށްފައި ވަނީ 198 ހައުސިން ޔުނިޓެވެ. އަދި އަރަބިއްޔާގައި 90 ޔުނިޓެވެ.