ރާއްޖޭގެ ފަރާތުން އދ. އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބު ކަމަށާއި އެމެރިކާ އަދި ކެނެޑާއަށް ކަނޑައަޅާފައި ހުންނަ ސަފީރު ކަމަށް ފޮރިން ސެކެޓްރީ ޑރ. އަލީ ނަސީރު ހަމަޖައްސަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.
އދ. އަށް ކަނޑައަޅައި ދާއިމީ މަންދޫބަށާއި އެމެރިކާ އަދި ކެނެޑާއަށް ކަނޑައަޅައި ސަފީރު ކަމަށް އަލީ ނަސީރަށް ހަމަޖައްސުމަށް ގައުމީ ސަލާމަތައި ބެހޭ ކޮމިޓީ އިން ދިރާސާ ކުރެއްވުމަށް ފަހު މަޖިލީހުގެ ތަޅުމުން މިއަދު ނެގި ވޯޓުން އޭނާއަށް ރުހުން ދިނީ 57 މެންބަރުންނެވެ. އަދި ވަކި ގޮތަކަށް ވޯޓު ދޭން ބޭނުން ނުވާ މެންބަރަކު އިންނެވި އެވެ.
މަޖިލީހުގައި މިއަދު ވަނީ ނެދަލޭންޑްސް އާއި ލަކްސަމްބާގަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަ ސަފީރަކަށް ގ. ސަމަންތާ އަހުމަދު ޝިއާންއަށް ވެސް ރުހުން ދީފި އެވެ. ޝިއާން އަށް މަޖިލީހުން ރުހުން ދިނީ ވޯޓުގައި ބައިވެރިވި 61 މެންބަރުންގެ އިއްތިފާގުންނެވެ.
އަލީ ނަސީރު އަދިވެސް ހުންނެވީ މިނިސްޓްރީގެ ފޮރިން ސެކެޓްރީއެއްގެ މަގާމުގަ އެވެ. އޭނާ އެ މަގާމަށް ހަމަޖެއްސީ 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އަދި ޝިއާން އަކީ ރާއްޖެއިން މިހާރު އީޔޫއަށް ކަނޑައަޅާފައި ހުންނަ ސަފީރެވެ.
އަލީ ނަސީރަށް ސަފީރުކަން ދޭން ނަން ފޮނުވުމާ ގުޅިގެން އޭނާ އާ ގުޅުވައި އެމްޑީޕީން ވަނީ ތުހުމަތުތަކެއް ކޮށްފައެވެ. އެގޮތުން އޭނާ ސަަފީރު ކަމަށް ފޮނުވަނީ ހިޔާނާތްތައްވާން އެހީވާ މީހުން ފިލުވައިދޭން އެހީތެރިވުމަށް ކަމަށް ބުނެފައި ވެއެވެ.