އިލެކްޝަންސް ކޮމިޝަން

އޭސީސީއަށް ހާޒިރުކުރީ ކީއްވެކަން ސާފެއް ނުކޮށްދޭ: ސުލައިމާން

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިއަދު ހާޒިރު ކުރީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އެ ކޮމިޝަނުން ސާފު ނުކޮށްދޭ ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާން ވިދާޅުވެއްޖެ އެވެ.

އޭސީސީއިން ބަލަމުންދާ މައްސަލައަކާ ގުޅިގެން މިއަދު ސުލައިމާން އޭސީސީއަށް ހާޒިރު ކޮށްފައިވާއިރު، ސުލައިމާން ވިދާޅުވީ އޭސީސީއަށް ހާޒިރުކުރީ ހެކި ބަހެއް ނެގުމަށް ކަމަށް އެ ކޮމިޝަނުން އެންގި ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އެ ކޮމިޝަނުން ސާފު ނުކޮށްދޭ ކަމަށެވެ.

"ހެކި ބަސް ނަގަން ހާޒިރުކުރީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ނުބުނޭ، މަގާމުގެ ހައިސިއްޔަތުން ކަމެއް ސާފުކުރަންތޯ ނޫނީ އަމިއްލަ ހައިސިއްޔަތުން ކަމެއް ސާފުކުރަންތޯ ވެސް ސާފެއް ނުވޭ،" ސުލައިމާން ވިދާޅުވި އެވެ.

ސުލައިމާން ވިދާޅުވީ، މަގާމުގެ ހައިސިއްޔަތުން ކަމެއް ސާފުކުރުމަށް ކަމަށްވާނަމަ އެއީ ކޮން މައްސަލައަކާ ގުޅިގެން ސާފުކުރަން ބޭނުންވާ ކަމެއްތޯ އޭސީސީއިން ސާފުކޮށްދޭން ޖެހޭނެ ކަމަށެވެ. ނަމަވެސް އޭސީސީއަށް އެކަން ސާފުކޮށްދެވިފައިނުވާ ކަމަށް ވިދާޅުވި އެވެ.

"އީސީއިން ނިންމާ ނިންމުމާ ގުޅޭ ގޮތުން ރައީސްއާ ސުވާލުކުރެވިދާނެ، ނަމަވެސް އަޅުގަނޑަށް މައުލޫމާތު ދެވޭނީ ކޮން މައްސަލައެއްކަން އެނގުނީމަ، މިނިވަން ތަހުގީގެއް ހިނގާށޭ އަޅުގަނޑު ދެންނެވިން، އޭރަށް އެއްބާރުލުންދޭނަން،" ސުލައިމާން ވިދާޅުވި އެވެ.

ސުލައިމާން ވިދާޅުވީ، މައްސަލާގެ ތަހުގީގު މިއަދު ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ އޭސީސީއަށް މިއަދުގެ ބައްދަލުވުން ނިންމާލި ކަމަށެވެ.