އޭސީސީ

ދެ ކޮމަންޑޫ ގުޅާލުމުގެ މައްސަލަ އޭސީސީ އަށް

Jan 28, 2022

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާ ގުޅިގެން މިހާތަނަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވަނީ އެންމެ މައްސަލައެއް ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޭސީސީ އަށް ހުށަހެޅި މައްސަލަ އަކީ ދެ ކޮމަންޑޫ ގުޅާލުމުގެ މައްސަލަ އެކަނި ކަަމަށެވެ. އެ މައްސަލަ ހުށަހަޅާފައިވަނީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ހިންގާ ކޮރަޕްޝަންގެ އަމަލެއްގެ ގޮތުގައި ކަމަށް ދެކިގެން ކަމަށްވެސް ވިދާޅުވި އެވެ.

މައްސަލަ ހުށަހެޅި ފަރާތުގެ މައުލޫމާތު އޭސީސީން ހާމަކޮށްފައެއް ނުވެ އެވެ. އެ މައްސަލަ ޕީޕީއެމުން ހުށައަޅާފައިނުވާ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާ ގުޅުވައިގެން އެ ދާއިރާގެ ތިން ރަށް ކަމުގައިވާ ކޮމަންޑޫ، މަރޮށި އަދި ފޯކައިދޫގައި ސަރުކާރުން ވަނީ މަޝްރޫއުތަކެއް ފަށާފަ އެވެ. އެ މަޝްރޫއު ތަކަކީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ކުރަމުންދާ ކަމެއް ކަމަށް ޕީޕީއެމުން ގެންދަނީ ތަކުރާރުކޮށް ތުހުމަތުކުރަމުންނެވެ. އެކަމަކު އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ އެފަދަ މައްސަލަތައް އެކޮމިޝަނުން އަމިއްލަ އިސްނެގުމަށް ނުބެލޭނެ ކަމަށާއި އެއްވެސް ފަރާތަކުން އެއްވެސް މައްސަލައެއް ހުށަހަޅައިފިނަމަ ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން އެ މައްސަލައެއް ބަލާނެ ކަމަށެވެ.

އޭސީސީ އަށް މިދުވަސްވަރު މައްސަލަތަކެއް ހުށަހެޅި ނަމަވެސް އޭސީސީގެ ހުރިހާ މެންބަރުން އިސްތިއުފާ ދެއްވާފައިވާތީ އެ ކޮމިޝަނަށް އެއްވެސް މައްސަލައެއް ބަލައި ގޮތެއް ނުނިންމޭނެ އެވެ. އޭސީސީއަށް ހުށަހަޅާ މައްސަލަތަކާ މެދު ގޮތެއް ނިންމޭނީ ކޮމިޝަންގެ މެންބަރުންގެ އަގުލަބިއްޔަތުން ކަމަށް ކޮމިޝަންގެ ގާނޫނުގައި ބުނެފައިވެ އެވެ.ވެ. އޭސީސީގައި އެއްވެސް މެންބަރަކު ނެތުމުން އެ ކޮމިޝަން މިވަގުތު އޮތީ ގާނޫނީ ހުސްކަމެއްގެ ތެރޭގަ އެވެ.

އަންނަ މަހުގެ ފަސްވަނަ ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވަނީ އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދާއި ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީގެ އިތުރުން އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީސް އެވެ.