ހަބަރު

ޝަރުއީ ދާއިރާ ބޭނުން ކުރަނީ ސިޔާސީ ވާދަވެރިން ނައްތާލަން: ނަޝީދުގެ ވަކީލުން

Jun 28, 2016
7

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމް، ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުމުން ދޭހަވަނީ، ކޯޓުތަކުގެ މައްޗަށް ސަރުކާރުގެ ނުފޫޒު ފޯރާފައި އޮތް މިންވަރު ކަމަށް ނަޝީދުގެ ބޭރުގެ ގާނޫނީ ވަކީލުންގެ ޓީމުން މިއަދު ބުނެފި އެވެ.

އެ ޓީމްގެ ފަރާތުން މިރޭ އާންމު ކުރި ބަޔާނެއް މެދުވެރި ކުރައްވާ، ލޯޔަރު އަމާލް ކްލޫނީ ވިދާޅުވީ، ސުޕްރީމް ކޯޓަކީ، ކްރިމިނަލް ކޯޓުން ހިންގި ޝަރީއަތުގައި ނަޝީދުގެ ފަރާތްޕުޅުން ފާހަގަ ކުރެއްވި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދެވެން އޮތް ހަމައެކަނި ގާނޫނީ މަރުހަލާ ކަމަށެވެ. އަދި ނަޝީދުގެ މައްސަލައިގައި ދެން ކުރިއަށް ދެވޭނެ ގާނޫނީ މަރުހަލާތައް މިހާރު ބަންދުވެފައިވާ އިރު، ނަޝީދުގެ ފަރާތްޕުޅުން ފާހަގަ ކުރެއްވި އެއްވެސް ކަންބޮޑުވުމަކަށް ސުޕްރީމް ކޯޓުން ރިއާޔަތް ނުކޮށް އަދި ބެލުމެއް ނެތި ނިންމި ނިންމުމަކީ ނުފޫޒުތަކެއްގެ ތެރޭގައި ކޯޓު އޮތް ކަމުގެ އަލިގަދަ ހެއްކެއް ކަމަށް ވެސް އަމާލް ވަނީ ވިދާޅުވެފަ އެވެ. އަދި މި ހުކުމް މިގޮތަށް އައުމުގެ ސަބަބުން މިކަމުން ވެސް ދޭހަކޮށްދެނީ، ރާއްޖޭގެ ކޯޓުތައް ބޭނުން ކުރަމުން ދަނީ، ސިޔާސީ ވާދަވެރިންގެ އަޑުތައް ކަނޑުވާލަން ކަމަށް ވެސް އަމާލް ވަނީ ވިދާޅުވެފަ އެވެ.

"އިންސާފުވެރި، އިޖުރާއަތްތައް ފުރިހަމަވެފައިވާ ޝަރީއަތެއް ރާއްޖޭގައި ލިބޭނެ ކަމަށް ބުނެފައިވީ ނަމަވެސް އެއީ ހަމައެކަނި ލިޔެފައި އޮތް ވާހަކަތަކެކެވެ. ރާއްޖޭގައި ކުރިއަށް މިދާ ޝަރީއަތްތަކަކީ ކޮރަޕްޓް ޝަރީއަތްތަކެކެވެ،" ބަޔާނުގައިވެ އެވެ. ނަޝީދުގެ ލޯޔަރުން އެންމެ ބޮޑަށް ފާހަގަ ކުރެއްވި، އެއް މައްސަލައަކީ ނަޝީދުގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިންއަށް ކްރިމިނަލް ކޯޓުން ފުރުސަތު ދީފައި ނުވާ ކަމަށެވެ.

ޖެރެޑް ޖެންސާ ވެސް ވިދާޅުވީ، ނަޝީދުގެ މައްޗަށް ކުރި ހުކުމަކީ، ހައިރާންކުރުވި ކަމެއް ނޫން ކަމަށެވެ. އަދި ނަޝީދަށް ކަށަވަރުކޮށްދޭން ޖެހޭ ހައްގުތައް ކަށަވަރު ނުކޮށް ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ، ވަރަށް ބޮޑު މާޔޫސްކަމެއް ކަމަށް ވެސް ގާނޫނީ ވަކީލް ޖެންސާ ވިދާޅުވި އެވެ. ރާއްޖޭގެ ޖުޑިޝިއަރީ އަކީ ރައީސް އަބްދުﷲ ޔާމީން ވާދަވެރި ސިޔާސީ ފަރާތްތަކާ ދެކޮޅަށް ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ އެއްޗެއްގެ ގޮތުގައި ލޯޔަރު ސިފަކުރެއްވި އެވެ.