ހަބަރު

މި އަހަރުގެ "އީދު އުފާ" ފޮނަދޫގައި ބާއްވަން ނިންމައިފި

Jun 28, 2016
5

"އީދު އުފާ" ގެ ނަމުގައި ޕީއެސްއެމުން ކޮންމެ ބޮޑު އީދެއްގައި ބާއްވާ އީދު ކުޅިވަރުތަކުގެ ހަރަކާތް މި އަހަރު ލ. ފޮނަދޫގައި ބާއްވަން ނިންމައިފި އެވެ. ޕީއެސްއެމްއިން މިރޭ ވަނީ ދިވެހި ރާއްޖޭގެ އަޑުގެ ސެނެކޯ މާލަމްގައި ހަފުލާއެއް ބާއްވާ "އީދު އުފާ" މި އަހަރުގެ އީދު އުފާ ފޮނަދޫގައި ބާއްވަން ނިންމިކަން ރަސްމީކޮށް އިއުލާންކޮށްފަ އެވެ.

އީދު އުފާ ފޮނަދޫއަށް އެވޯޑްކުރިކަމުގެ އައްޑަން ފޮނަދޫ ކައުންސިލާ ހަވާލުކޮަށްދެއްވީ ޕީއެސްއެމްގެ ޗެއާމަން އިބްރާހިމް އުމަރު މަނިކާއި މެނޭޖިން ޑިރެކްޓަ އިބްރާހިމް ހަލީލެވެ.

ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމް އަބްދުއްލަތީފު މިރޭ ވިދާޅުވީ "އީދު އުފާ" ގެނަމުގައި ޕީއެސްއެމުން ބާއްވާ އީދު ކުޅިވަރުތަކަކީ އެ ކުންފުނި، އެމްބީސީގެ ނަމުގައި ހިނގަމުން އައި ދުވަސްވަރު، 2012 އިން ފެށިގެން ކުންފުނީގެ ޗެއާމަން އިބްރާހިމް އުމަރު މަނިކާއި ބޯޑުން ވަރަށް ބޮޑަށް ސަމާލުކަން ދީގެން ބާއްވަމުން އަންނަ އިސްލާމީ، އިޖްތިމާއީ ހަރަކާތެއް ކަމަށެވެ. އަދި ވިދާޅުވީ ޕީއެސްއެމް އުފެދުނު ފަހުން ވެސް އެ ހަރަކާތް ހުއްޓާ ނުލައި ކުރިޔަށް ގެންދަން ބޭނުންވާތީ މި ފަހަރު އެ ހަރަކާތް ބާއްވަން ނިންމައި ފޮނަދޫގައި ބާއްވަނީ ކަމަށެވެ.

އޭނާ ވިދާޅުވީ އީދު އުފާ ބާއްވަން ބޭނުންވާ ރަށްތައް އެކަމަށް އެދި ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލުމުން މި އަަހަރު ފަސް ރަަށަކުން ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހެޅި ކަމަށާއި އެއީ ބ. ތުޅާދޫ އާއި ޅ. ނައިފަރާއި ކ. ހިންމަފުއްޓާއި ލ. ފޮނަދޫ އާއި ގއ. ގެމަނަ ފުށި ކަމަށެވެ.

"އެ ރަށްރަށުގެ ޕްރޮޕޯސަލްތައް ބަލައި ދިރާސާކުރި އިރު އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށަހަޅާފައި އޮތީ ފޮނަދޫން. އެހެން އެ ރަށުގައި އީދު އުފާ ބާއްވާން ނިންމީ،" އިކުރާމް ވިދާޅުވި އެވެ.

އިސްލާމީ އިޖްތިމާއީ ބޮޑު ހަރަކާތެއްގެ ގޮތުގައި އީދު އުފާ ބާއްވާއިރު ކުޑަ އީދު ނުވަތަ ފިތުރު އީދުގައި ވެސް އީދު ކުޅިވަރު ބާއްވަން ހިޔާލު ކުރާ ކަމަށާއި ކުރިޔަށް އޮތް ތާނގައި ޕީއެސްމް އިން އެގޮތަށް މަސައްކަތް ކުރާނެ ކަމަށް ވެސް އިކްރާމް ވިދާޅުވި އެވެ.

އީދު އުފާ، ފޮނަދޫގައި ބޭއްވުން އިއުލާން ކުރުމަށް މިރޭ ވޭއްވި ހަފުލާފައި ޕީއެސްއެމްގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއް ރަހީމް އަބްދުﷲ އާއި ފޮނަދޫ ކައުންސިލްގެ ވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ. އީދު އުފާ އެންމެ ފަހުން ބާއްވާފައި ވަނީ އުތުރުގެ ހއ. ކެލާގަ އެވެ.