ރައްޔިތުންގެ މަޖިލިސް

އިއުލާން ނުކޮށް ރަށްތައް ދޫކުރަން ފާސްކޮފި

Jun 29, 2016
12
  • ދެ ބިލަށް ވެސް އިދިކޮޅު މެންބަރުން ދެކޮޅުހެއްދެވި
  • ރަށްތައް ދޫކުރެވޭނީ އުސޫލެއް ހެދުމަށް ފަހު އެއާ އެއްގޮތަށް
  • ގްރީންޓެކްސް ތިން ޑޮލަރު ނަގާނެ

ރިސޯޓު ހެދުމަށް ނުރަށްތަކާއި، ބިންބިމާއި، ފަޅުތައް އާމުކޮށް އިއުލާން ކުރުމަކައި ނުލާ ދޫކުރުމަށާއި ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ގޮތުގައި ތިން ޑޮލަރު ނަގަން ސަރުކާރުން ހުށަހަޅައިފަވާ އިސްލާހު މަޖިލީހުން ފާސްކޮށްފި އެވެ. އެ ބިލަށް އެމްޑީޕީގެ މެންބަރުން ހަ އިސްލާހެއް ވެސް ހުށަހެޅި އެވެ. ނަމަވެސް ވޯޓެއް ނަގައި އެއިސްލާހުތައް ފާހެއް ނުވި އެވެ.

ރާއްޖޭގެ ޓޫރިޒަމްއާ ބެހޭ ގާނޫނަށް ސަރުކާރު ފަރާތުން ވިލިމާލޭ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ހުށަހެޅި މި އިސްލާހު ފާސްކުރުމަށް 45 މެންބަރުން ވޯޓު ދެއްވި އިރު، ނުފެންނަ ކަމަށް ވޯޓު ދެއްވީ 19 މެންބަރުންނެވެ. އެހެން ކަމުން ބިލު ވަނީ ކޮމިޓީ އިން ދިރާސާ ކުރައްވާ ނިންމެވި ގޮތަށް ފާސްވެފަ އެވެ.

މި އިސްލާހު ފާސްވުމައި ގުޅިގެން ފަތުރުވެރިކަމައި ބެހޭ ކަންކަމަށް ރަށްތަކައި ބިން ނުވަތަ ފަޅުތައް އާމުކޮށް އިއުލާން ނުކޮށްވެސް ދޫކުރުމުގެ ބާރު ޓޫރިޒަމް މިނިސްޓްރީ އަށް ލިބިގެން ދެއެވެ. އަދި އެތަނެއް ދޫކުރެވޭ ފަރާތެއްގައި ހުންނަން ޖެހޭ ހަމައެކަނި ޝަރުތުތަކަކީ އެތަނެއްގައި ހިންގަން ހުށަހަޅައި މަޝްރޫއު ހިންގުމަށް ތިމާވެށީގެ ގޮތުން އެކަށީގެންވާ ތަނަކަށް ވުމާއި މިނިސްޓްރީ އިން ކަނޑައަޅައި އެކުއިޒިޝަން ފީ އެކީ އެއްފަހަރައި ދައްކާފައިވުމެވެ. މީގެ އިތުރުން އެފަރާތަކީ ރަށް، ބިން ނުވަތަ ފަޅުގައި ހިނގަން ހުށަހަޅާފައިވާ މަޝްރޫއު ހިނގުމަށް މާލީ ގޮތުން ގާބިލް މީހަކަށް ވުމެވެ.

އެ ބިލްގެ ދަށުން ރަށްތައް ދޫކުރެވޭނެ އުސޫލެއް އެކުލަވާލައި އާންމު ކުރަން ޖެހެ އެވެ. އަދި އެ އުސޫލުން ބޭރުން ރަށްތަކެއް ނުދެވޭނެ އެވެ. މީގެ އިތުރަށް ކުއްޔަށް ދޭ ތަންތަނުގެ ފުރިހަމަ ތަފްސީލްތައް އޭސީސީ އާއި އޮޑިޓާ ޖެނެރަލަށް ވެސް ހުށަހަޅަންޖެހެ އެވެ. އަދި ރައީސް އޮފީހުގެ ހުއްދަ ވެސް މިނިސްޓްރީ އިން ހޯދަން ޖެހެ އެވެ.

މީގެ އިތުރުން ގެސްޓް ހައުސްތަކަށް އަންނަ ޓޫރިސްޓުން އަތުން ހޭދަކުރާ ކޮންމެ ދުވަހަކަށް ތިން ޑޮލަރު ގްރީން ޓެކްސް ގޮތުގައި ނެގުމަށްވެސް މި އިސްލާހުގެ ދަށުން މިއަދު ވަނީ ފާސްވެފަ އެވެ. އަދި ގެޒެޓްގައި ޝާއިއު ކުރުމަށް ފަހު ވެސް ގެސްޓް ހައުސްތަކުން ގްރީން ޓޭކްސް ނަގާނީ އަންނަ އޮކްޓޫބަރު މަހުން ފެށިގެން ކަމަށް އެ އިސްލާހުގައި ބުނެފައި ވެއެވެ.

މި އިސްލާހަށް ހޫނު ބަހުސްއެއް ކުރިޔަށް ދިޔައިރު އިދިކޮޅު އެމްޑީޕީއާ އަދާލަތު ޕާޓީގެ އިތުރުން ޖުމްހޫރީ ޕާޓީވެސް ބިލާ މެދު ކަންބޮޑުވާ ބައެއް ކަންކަން ފާހަގަކޮށްފައިވެ އެވެ.

ޖުމްހޫރީ ޕާޓީ ފަރާތުން ކާށިދޫ ދާއިރާގެ ފައިސަލް ނަސީމް ވިދާޅުވީ އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލާގައި ގާނޫން އަސާސީގައި އިން ލޫޕް ހޯލެއް ބޭނުންކޮށްގެން ރަށްތަކައި އެއްވެސް ބިޑު ކުރުމަކައި ނުލާ ދޫކުރުމުގެ ސަބަބުން ހިޔާނާތާ ކޮރޮޕްޝަންގެ ބޮޑެތި އަމަލުތައް ހިނގައިފަވާ ކަމަށެވެ. އަދި މިހާރު ގާނޫނުގެ ތެރެއިން ބިޑަކާ ނުލާ އެކަން ކުރެވޭނަމަ ކޮރޮޕްޝަންގެ އަމަލުތަކަށް އިތުރަށް މަގުފަހި ވެގެންދާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.

"ކުރިން އާމުކޮށް އިއުލާންކޮށްގެން ބިންތައް ދޫކޮށްފައިވާ އިރު މައްސަލަތަކެއް ދިމާ ނުވޭ. ނަމަވެސް ފަހުން ކޮރޮޕްޝަންގެ އަމަލު ހިނގައިގެން ރަށްތައް އެންގުމަކައި ނުލާ ދޫ ކުރުމުން ވަނީ ބޮޑެތި ކޮރޮޕްޝަންއަށް މަގުފަހި ވެފަ. އެއީ ކުޑަކުޑަކަމެއް ނޫން. އެހެންވީމައި އެފަދަ ކަމެއް ހިނގާފައި އޮއްވައި އަނެއްކާވެސް މިފަދަ ފިޔަވަޅެއް ކައްޗައް އަޅައިލުމަކީ ކުރިޔަށް އޮތް ތާ ގިނަ ކަންތައްތަކެއް ހިނގައި އަނެއްކާވެސް ބަޔަކު ބޮލުގައި ކަންތައްތައް އެޅިގެންދާނެ ކަމެއް،" ފައިސަލް ވިދާޅުވި އެވެ.

މީގެ އިތުރުން ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ނެގުމުގެ މައްސަލާގައި އެމްޑީޕީ ފަރާތުން ޕާލިމެންޓަރީ ގްރޫޕް ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާޙިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ ގެސްޓް ހައުސްތަކުން މިހާރު ސަރުކާރަށް ދައްކަން ޖެހޭ ޓެކްސްތަކުގެ އިތުރުން އިތުރު ޓެކްސްއެއް ތައާރަފް ކުރުމުން އެވިޔަފާރިއަށް ހީނަރުކަމެއް އައިސް ގެސްޓް ހައުސް ވިޔަފާރިތައް ހުއްޓުމަކަށް އައުމުގެ ބިރު އެބައޮތް ކަމަށެވެ. އަދި އެހެން ވެއްޖެ ނަމަ އެ ގެސްޓް ހައުސްތަކުން މިހާރު ސަރުކާރަށް ލިބެމުން އަންނަ ފައިސާތައް ވެސް ނުލިބި ބޮޑެތި ގެއްލުން ވުމުގެ ފުރުސަތު އޮތް ކަމަށް އިބޫ ވިދާޅުވި އެވެ.

އެއަށް ރައްދު ދެއްވަމުން ޕީޕީއެމް އިން ބުނަމުން އައީ މިއީ ގާނޫނުގައި އޮތް ލޫޕް ހޯލެއް ބަންދުކޮށް ރަށްތައް ދޫކުރުމުގައި ވެސް ކުރިން ނެތް އުސޫލުތައް ކަނޑައަޅައި ހަރުދަނާ ކުރަން އެޅި ފިޔަވަޅެއް ކަމަށެވެ. އަދި ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ނެނގުމަށް ސަރުކާރުން ނިންމީ، އެކަން ކުރެވޭތޯ ބަލާފައި ކަމަށެވެ. އެއީ ގައުމު ކުރިއެރުވުމަށް ސަރުކާރުން ބޭނުންވާ ފައިސާ ހޯދުމަށް ކުރާ ކަމެއް ކަމަށް ވެސް އެ ޕާޓީގެ މެންބަރުން ގެންދެވީ ވިދާޅުވަމުންނެވެ.

ޓޫރިޒަމްއާ ބެހޭ ގާނޫނަށް ގެނައި މި އިސްލާހު މިއަދު ފާސްކޮށްފައިވާ އިރު ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައިސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް ވަނީ ބިޑަކައި ނުލާ ރައްތައް ދޫ ކުރުމައި ދެކޮޅު ހައްދަވައިފަ އެވެ. އަދި މައުމޫންގެ އެ ނިންމުމަށް މިނިސްޓަރު އުމަރު ނަސީރުވެސް ތާއީދު ނުކުރައްވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ.