ހަބަރު

ފަސް މިނިސްޓަރުންނަށް މަޖިލީހުގެ ރުހުން ހޯދަން ފޮނުވައިފި

މިދިޔަ ބުދަ ދުވަހު ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ކެބިނެޓަށް އައްޔަން ކުރެއްވި ފަސް މިނިސްޓަރުންނަށް ރައްޔިތުން މަޖިލީހުން ރުހުން ދިނުމާ ބެހޭ މައްސަލަ ދިރާސާ ކުރެއްވުމަށް ސަރުކާރުގެ މައްސޫލިއްޔަތު އަދާ ކުރާ ކޮމިޓީއަށް ފޮނުވައިފި އެވެ.

މަޖިލީހަށް ރައީސް މިއަދު ފޮނުވި ސީޓީގައި ބުނެފައި ވަނީ ކެބިނެޓަށް ބަދަލު ގެނެސް މިދިޔަ ބުދަ ދުވަހު އެމަނިކުފާނު، ހެލްތު މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި އަބްދުﷲ ނާޒިމް އިބްރާހިމް އާއި ޖެންޑާ އެންޑް ފެމިލީ މިނިސްޓަރު ކަމަށް ޝެނީޒާ ޝަހީދު ޒަކީ އަދި ޔޫތު މިނިސްޓަރު ކަމަށް ހަމަޖައްސެވި އިރުތިޝާމް އާދަމް އާއި ފިނޭންސް މިނިސްޓަރު ކަމަށް އަހުމަދު މުނައްވަރުގެ އިތުރުން ހޯމް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވި އަހުމަދު ޒުހޫރަށް މަޖިލީހުން ރުހުން ދިނުމާ ބެހޭ މައްސަލަ ދިރާސާ ކުރައްވައި ގޮތެއް ނިންމެވުމަށެވެ.

އެހެން ކަމުން ރިޔާސަތުން ވަނީ އެ ފަސް ބޭފުޅުންނަށް ރުހުން ދިނުމުގެ މައްސަލަ ސަރުކާރުގެ މައްސޫލިއްޔަތު އަދާ ކުރާ ކޮމިޓީއަށް ފޮނުވާ ދިރާސާ ކުރަން ފޮނުވައިފަ އެވެ.