ހަބަރު

ކަރަންޓް އަގުގެ މައްސަލައިގައި ތިން ފަރާތެއް ކޮމިޓީއަށް ހާޒިރުކުރަނީ

ރާއްޖޭގެ ބައެއް ރަށްރަށުގެ ކަރަންޓްގެ އަގުބޮޑުވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލަ އާ ގުޅިގެން އެންވާރަމެންޓު މިނިސްޓްރީ، ފެނަކަ ކޯޕަރޭޝަން އަދި ސްޓެލްކޯ އަންނަ ހޯމަ ދުވަހު އޮންނަ އެކޮމެޓީގެ ބައްދަލުވުމަށް ހާޒިރުކުރަން ނިންމައިފި އެވެ.

އެގޮތަށް ނިންމީ އެކޮމެޓީގެ މިއަދުގެ ބައްދަލުވުމުގަ އެވެ. އެމައްސަލަ އާ ބެހޭގޮތުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ކުރިން ކަރަންޓު ދެމުން އައި ބޭންޑާއި ފަހުން ކަރަންޓު ދެމުން އަންނަ ބޭންޑާއި ހައުސް ހޯލްޑްތަކަށް ކަރަންޓު ދެމުން އަންނަނީ ކިހާވަރަކަށް ތޯ އަދި ރައްޔިތުންގެ ޝަކުވާ އަންނަނީ ކިހާ ހިސާބަކުން ކިހިނެއް ވެގެންކަން ބަލަންޖެހޭ ކަމަށެވެ. ވިޔަފާރިތަކަށް ދެމުން އަންނަ ފިޔުލް ސާޗާޖް ކަނޑާލުމުން ކަރަންޓ ްބިލު ބޮޑުނުވާ ކަމަށާއި ބިލުތައް ކުޑަވި ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

"މިދިޔަ މަހު ސަރުކާރުން މާލޭގެ ވިޔަފާރިތަކަށް އޮންނަ ބޭންޑުތަކަށް ނަގާ މިންވަރު ބޮޑުވެއްޖެ ކަމަށް ވަނީ އިއުލާނުކޮށްފަ. ބޮޑުވި މިންވަރެއް އަދިވެސް ނޭނގޭ" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ މުޅި ރާއްޖެއަކީ އެއް ގައުމު ކަމަށް ބަލާފައި އެކި ރަށްރަށަށް އެކި އަގު ނެގުމުގެ ބަދަލުގައި ގައުމުގައި އެއްކޮށް ކަރަންޓު އުފެއްދުމުގެ އަގު ބަލާފައި އަގެއް ކަނޑައަޅާނަމަ ރައްޔިތުން ޝަކުވާ ކުރަން ނުޖެހޭނެ ކަމަށެވެ. މާލޭގެ ވިޔަފާރިތައް ބޮޑުވުމުން މާލޭގެ ވިޔަފާރިވެރިންނަށް ބޮޑު އަގެއްދޭން ކުދި ކުދި ރަށްތަކުގައި ވިޔަފާރި ކުރާ ވިޔަފާރިވެރިންނަށް ވުރެ ފަސޭހަވާނެ ކަމަށެވެ. އެހެން ކަމުން އެކަމަށް ރިއާޔަތް ކޮށް އެއް ހަމައަކުން އަގުނެގޭނެ ނިޒާމެއް ގާއިމްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތްދޭން ޖެހޭ ކަމަށް ޝަރީފް ވިދާޅުވި އެވެ.

މީގެ އިތުރުން މިއަދުގެ ބައްދަލުވުމުގައި މާލޭގެ ކުނި މެނޭޖް ކުރަމުންދާ އުސޫލާމެދު ގޮތެއް ނިންމަން އެންވާރަމެންޓު މިނިސްޓްރީ، ހައުސިން މިނިސްޓްރީ އަދި ވޭސްޓްމެނޭޖްމެންޓު ކޯޕަރޭޝަން އަންނަ ހޯމަދުވަހު 11 ޖަހާއިރު އޮންނަ އެކޮމެޓީގެ ބައްދަލުވުމަށް ހާޒިރުކުރަންވެސް މެމްބަރުންވަނީ ނިންމާފަ އެވެ.