ހަބަރު

އެމްޕީއެލްއިން އެމްއެމްޕީއާރުސީއަށް ނެގި 100 މިލިއަން ރުފިޔާ އަދިވެސް ނުލިބި

Jun 29, 2016
1
  • ސީއީއޯ ވިދާޅުވަނީ އެ ފައިސާ ހޯދުމަށް މަޝްވަރާ ފަށައިފިކަމަށް
  • އެ ފައިސާ އެމްއެމްޕީއާރުސީ އިން ނެގީ ޑޮލަރު ގަންނަން
  • އެ މައްސަލަ އޭސީސީ އިން އަދިވެސް ތަހުގީގު ކުރޭ

ސަރުކާރުގެ މާކެޓިން ކުންފުނި، އެމްއެމްޕީއާރުސީ މެދުވެރިކޮށް، ޑޮލަރުގެ މުއާމަލާތްތަކެއް ހިންގުމަށް ކަމަށް ބުނެ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އެދުމަކަށް، އެ ކުންފުނިން އެމްޕީއެލް އިން "ނަގާފައިވާ" ފައިސާ ހޯދުމުގެ މަސައްކަތްތައް ހުއްޓާނުލާ ކުރަމުން އަންނަ ކަމަށް އެމްޕީއެލް އިން ބުނެފި އެވެ.

"އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވީ އެމްޕީއެލްއަށް އަދިވެސް ނުލިބި 100 މިލިއަނެއްހާ ރުފިޔާ އެބަހުރި ކަމަށާއި، އެ ފައިސާ ހޯދުމަށް "ވާހަކަ ދައްކަމުންދާ" ކަމަށެވެ. އަދި އެ ވާހަކަތައް ކުރިއަށް ދަނީ އެމްއެމްޕީއާރުސީއާ ދެމެދު ކަމަށް ވެސް ޖުނައިދު ވިދާޅުވި އެވެ. އެގޮތުން އެ ފައިސާ ބަހާލައިގެން އިންސްޓޯލްމަންޓަށް ދައްކަމުން ގޮސް ހަލާސްކުރާ ގޮތަށް ވެސް އެމްއެމްޕީއާރުސީއާ އެކު ވާހަކަތައް ދެކެވުން އަންނަ ކަމަށް ވެސް ޖުނައިދު ވިދާޅުވި އެވެ.

"އެ ފައިސާ ރިކަވާއެއް އަދި ނުކުރެވޭ. ގާތްގަނޑަކަށް 100 މިލިއަން ރުފިޔާ އެބަހުރި،" ޖުނައިދު ވިދާޅުވި އެވެ. މީގެ އިތުރަށް އޭނާ ވިދާޅުވީ އެފަދަ ކަމެއް ދެން ނުހިންގޭނެ ގޮތަށް ކުންފުނީގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށް މިހާރު ފިޔަވަޅުތައް އަޅުއްވާފައިވާ ކަމަށެވެ. އެގޮތުން ފައިސާ ބެލެހެއްޓުމުގެ ކަންކަން ހަރުދަނާކޮށް އެ ނިޒާމު ރަނގަޅު ކުރުމަށް މަސައްކަތްތަކެއް ކުރައްވާކަން ޖުނައިދު ފާހަގަ ކުރެއްވި އެވެ.

އެފައިސާތަކުގެ މައްސަލަ ފަޅާ އެރީ، ކުރީގެ އޮޑިޓާ ޖެނެރަލް އެކުލަވާލެއްވި އޮޑިޓް ރިޕޯޓަކުންނެވެ. އެ ރިޕޯޓުން ހާމަވެފައިވާ ގޮތުގައި ސަރުކާރުގެ ބައެއް ކުންފުނިތަކުން ގަވާއިދާ ހިލާފަށް ނަގުދު ފައިސާ ނަގައިގެން ޑޮލަރު ހޯދުމުގެ މުއާމަލާތްތަކެއް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވަނީ ހިންގަވައިފަ އެވެ.

އެގޮތުން އެމްޕީއެލް އިން ފަސް މިލިއަން ޑޮލަރަށްވާ ދިވެހި ފައިސާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ނަމުގައި ދަރަންޏެއްގެ ގޮތުގައި ނަގާފައި ވަނީ ހަތަރު މަސް ދުވަހުން އެ ފައިސާ ޑޮލަރުން ދައްކާ ގޮތަށެވެ. އަދި އެ ފައިސާ އޭރުގެ ޓޫރިޒަމް މިނިސްޓަރާއި އެ ފަރާތުގެ މަސްލަހަތު ހިމެނޭ ފަރާތަކަށް ވަނީ ދޫކޮށްފައި ކަމަށް އޮޑިޓްގައިވެ އެވެ. އަދި އެމްޓީޑީސީ އިން ވެސް އެއް މިލިއަން ޑޮލަރު ނެގުމަށްފަހު އަދީބުގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް އެމްއެމްޕީއާރްސީ އިން އެ ފައިސާ ދީފައިވާ ކަމަށް ވެސް ރިޕޯޓްގައިވެ އެވެ.