އެމްއެމްޕީއާރްސީ

އެމްއެމްޕީއާރްސީގެ ޑީއެމްޑީ ސަސްޕެންޑްކޮށްފި

Apr 2, 2024

ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތުގައި މައްސަލައެއް ބަލަމުންދާތީ އެމްއެމްޕީއާރްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ބައްސާމް އާދަމް ސަސްޕެންޑްކޮށްފި އެވެ.

ބައްސާމް ސަސްޕެންޑްކޮށްފައިވީ ނަމަވެސް މިމައްސަލައިގައި އެމްއެމްޕީއާރްސީ އިން ރަސްމީކޮށް އަދި އެއްވެސް އެއްޗެއްް ނުބުނެ އެވެ. ނަމަވެސް އެތަނުގެ ބައެއް މުވައްޒަފުން ވަނީ އިއްޔެގެ ވަގުތެއްގައި ބައްސާމް ސަސްޕެންޑްކޮށްފައިވާ ކަމަށް ބުނެފަ އެވެ.

އެމްއެމްޕީއާރްސީގެ ވެރިޔަކަށް ތުހުމަތުކުރެވޭ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ސޯޝަލްމީޑިއާއަށް ތިލަވުމާ ގުޅިގެން އެ ކުންފުނިން ނެރުނު ބަޔާނެއްގައި ވަނީ އެފަދަ މައްސަލައެއް ރަަސްމީކޮށް ހުށަހަޅާފައި ނުވާ ކަމަށް ބުނެފަ އެވެ. ނަމަވެސް މެނޭޖްމަންޓަށް އެކަމާ ގުޅޭ މައުލޫމާތެއް ލިބިފައިވާތީ ކުންފުނީގެ ޑިސިޕްލިނަރީ ކޮމިޓީއަށް އެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށްވެސް ބަޔާނުގައިވެ އެވެ.

"ޖިންސީ ފުރައްސާރައިގެ އަމަލުތަކަކީ މި ކުންފުނީގެ މެނޭޖްމަންޓުން އެއްވެސް ހާލެއްގައި ބަލައިގަންނާނެ އަމަލުތަކެއް ނޫން،" އެމްއެމްޕީއާރްސީގެ ބަޔާނުގައިވެ އެވެ.

މިބަޔާނުގައި އިތުރަށް ބުނެފައިވަނީ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ކުންފުނީގެ މުވައްޒަފަކަށް ކުރެވިއްޖެނަމަ އެ މައްސަލައެއް ބެލުމަށްފަހު ފިޔަވަޅު އަޅަންޖެހޭނަމަ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.