ހަބަރު

ސިނާއީ އަވަށުގެ ކައިރިން ދަތުރުކުރާ އިރު ސަމާލުވާން އަންގައިފި

ސިނާއީ އަވަށުގެ މަސައްކަތްތައް ކުރާއިރު ބޭނުން ކުރުމަށް އޮންނަ ހޮޅިލައިނަށް، ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ހައުސިން މިނިސްޓްރީ އިން އަންގައިފި އެވެ.

ހައުސިން މިނިސްޓްރީ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ސިނާއީ މަސައްކަތްތަކަށް މާލޭގެ ހުޅަނގު ދެކުނު ސަރަހައްދުން ބިން ހިއްކުމުގެ މަސައްކަތް މިއަދުން ފެށިގެން އަންނަ ހަފްތާ އާދީއްތަ ދުވަހައި ހަމަޔަށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ މަސައްކަތަށް ބޭނުން ކުރާ ހޮޅިލައިން ތޮށި ބޭރުން ކަނޑަށް ނެރެފައި އޮންނާނެ ކަމަށާއި އެހެން ކަމުން ކަނޑުދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވާން އެދޭ ކަމަށް ވެސް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

"..ހޮޅިލައިން އޮންނަ ސަރަހައްދުގައި ކަނޑުދަތުރުކުރާ ފަރާތްތަކުގެ ސަމާލުކަމަށް ސަލާމަތީ ނިޝާންތައް ހަރުކުރެވިފައި ހުންނާނެ. ވީމާ ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކުން ސަލާމަތްވުމަށް ޓަކައި މި ސަރަހައްދުން [އިންޑަސްޓްރިއަލް ވިލެޖް ހިއްކައި ސަރަހައްދުން] ދަތުރު ކުރާ ފަރާތްތަކުން މިކަމަށް ސަމާލުވުމަކީ މި މިނިސްޓްރީގެ އެދުމެއް،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ މާލޭ ދެކުނުކޮޅުގައި އަލަށް ހަދާފައިވާ، ނެރުގެ ފައިކަށި ޖެހުމުގެ މަސައްކަތް ކުރިޔަށްދާތީ ސްޓެލްކޯއަށް ތެޔޮ ގެންދާ ބާޖާއި ކުނި އުކާލައި ދޯނިތައް ފިޔަވާ އެހެން އުޅަނދުތައް ވަދެ ނިކުތުމަކީ ރައްކާތެރިކަމެއް ނޫން ކަމަށެވެ.