ހަބަރު

އިދިކޮޅު އިއްތިހާދެއް އޮތް ކަމެއް ސަރުކާރަކަށް ނޭނގެ: ތަރުޖަމާން

Jun 29, 2016
6

އިދިކޮޅު އިއްތިހާދު، ނޫނީ ޔުނައިޓެޑް އޮޕޮޒިޝަން ކިޔާ ބަޔަކު ސަރުކާރުން ނުދަންނަ ކަމަށް ތަރުޖަމާން އިބްރާހިމް މުއާޒު އަލީ މިއަދު ވިދާޅުވެއްޖެ އެވެ. ތަރުޖަމާން މިހެން ވިދާޅުވި އިރު، ޕާޓީތަކުގެ ވާހަކަތަކުގައި ދެން ބައިވެރިވާނީ އިދިކޮޅު އިއްތިހާދުންކަން ވަނީ ހާމަކޮށްފަ އެވެ.

އިދިކޮޅު އިއްތިހާދުން މަޝްވަރާތަކުގައި ބައިވެރިވާން ސަރުކާރުން މަރުހަބާ ކިޔާނެތޯ "އަވަސް" އިން ސުވާލުކުރުން މުއާޒު ވިދާޅުވީ، ސަރުކާރަށް އިނގެނީ ސިޔާސީ ޕާޓީތަކެއް ކަމަށާއި މިހާތަނަށް މަޝްވަރާކޮށް އެހެން ވެސް މުއާމަލާތްތައް ސަރުކާރުން ކުރީ އެފަރާތްތަކާ އެކުގައި ކަމަށެވެ. އޭނާ ވިދާޅުވީ އިދިކޮޅު އިއްތިހާދު ކިޔާ ބަޔަކާ އެކު މިހާތަނަށް ސަރުކާރުން އެއްވެސް މުއާމަލާތެއް ހިންގާފައި ނުވާނެ ކަމަށެވެ.

ވަކިވަކި ފަރުދުން އެކުވެގެން އެހެން އުފައްދާ ގްރޫޕްތަކާ ސަރުކާރުން ގުޅުންތައް ބާއްވަމުން ނުދާ ކަމަށް ވެސް މުއާޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ސަރުކާރުން ގުޅުން ބާއްވަނީ ގާނޫނީ ގޮތުން އުފެދިފައިވާ ފަރާތްތަކާ އެކުގައި ކަމަށެވެ. އެހެންކަމުން ޕާޓީތަކާ އެކު ގައުމުގެ ކުރިމަގަށް ކުރަން ޖެހޭ ކަންތައްތައް ކުރުމުގަިއ ސަރުކާރުން ގުޅިގެން މަސައްކަތް ކުރާނެ ކަމަށް މުއާޒު ވިދާޅުވި އެވެ.

"އިދިކޮޅު އޮޕޮޒިޝަނެއް، އިއްތިހާދެއް ސަރުކާރުން ނުދަންނަ. އެއީ އަޅުގަނޑުމެންނަށް އެނގިފައި އޮތް ބަޔެއް ނޫން. އަޅުގަނޑުމެންނަށް އިނގެނީ ސިޔާސީ ޕާޓީތަކެއް،" މުއާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ވަކިވަކި ފަރުދުން އެކުވެގެން އަމިއްލައަށް އުފައްދައިގެން އުޅޭ ގްރޫޕްތަކުން ދައްކާ ވާހަކަތަކަށް ސަރުކާރުން ރައްދު ނުދޭނެ ކަމަށެވެ. އަދި ރައީސްގެ ސިޔާސަތަކީ އެފަދަ މީހުންގެ ވާހަކަތަކަށް ރައްދު ނުދީ، ގައުމުގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންގޮސް ރައީސްގެ ވައުދުތައް ރައްޔިތުންނާ ހަމައަށް ގެނެސްދިނުން ކަމަށް ވެސް މުއާޒު ވިދާޅުވި އެވެ.