ހަބަރު

ތްރީލައިން ވިޕާ ދެކޮޅަށް ފާރިޝް ވޯޓުދެއްވައިފި

Jun 29, 2016
12
  • ފާރިޝްނޫން ޕީޕީއެމް މެންބަރުން ވޯޓު ދިނީ ބިލް ފާސްކުރަން
  • މައުމޫން ވަނީ ބިލާ ދެކޮޅު ކަން ހާމަ ކުރައްވާފައި
  • ބިލް ފާސްވީ 45 މެންބަރުންގެ ވޯޓުން

އިއުލާން ނުކޮށް ރަށްތައް ދޫކުރުމަށް ޓޫރިޒަމް ގާނޫނަށް ގެންނަ އިސްލާހަށް ވޯޓު ދިނުމަށް، ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕުން ނިންމައި، ތްރީލައިން ވިޕެއް ނެރެފައި ވަނިކޮށް އެ ނިންމުމާ ދެކޮޅަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން، ފާރިޝް މައުމޫން ވޯޓުދެއްވައިފި އެވެ.

އޭނާ މި ގޮތަށް ވޯޓްދެއްވި އިރު، ފާރިޝްގެ ބައްޕަ އަދި ޕީޕީއެމްގެ ރައީސް މައުމޫން ވަނީ އެ ބިލަށް ވޯޓު ނުދިނުމަށް މެންބަރުންނަށް މެސެޖަކުން ދަންނަވައިފަ އެވެ. އެހެން ނަމަވެސް ރައީސް ޔާމީން ވަނީ އެ ބިލަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

މިއަދުގެ މަޖިލީހުގައި ވޯޓަށް އެހުމުގެ ކުރިން ޕީޕީއެމް ޕީޖީ ބައްދަލުވުމެއް މަޖިލީހުގައި ބޭއްވި އެވެ. އަދި އެ ބައްދަލުވުމުގައި ބިލަށް ވޯޓު ދޭން ތްރީލައިން ވިޕް ނެރުނެވެ.

ސަރުކާރު ފަރާތުން ހުށަހެޅި މި ބިލް ފާސްކުރަން 45 މެންބަރުން ވޯޓު ދެއްވި އިރު ބިލު ބަލައިގަންނަން ނުފެންނަ ކަމަށް 19 މެންބަރުން ވޯޓުދެއްވި އެވެ. މަޖިލީހުގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ވޯޓް ދިން ގޮތުގެ ތަފްސީލްގައިވާ ގޮތުގައި، ދިއްގަރު ދާއިރާގެ މެންބަރުކަން ކުރައްވާ، ފާރިޝް ފިޔަވާ އެހެން ހުރިހާ ޕީޕީއެމްގެ މެންބަރުން ވޯޓް ދެއްވީ އެ އިސްލާހު ފާސްކުރުމަށެވެ. އަދި ޖޭޕީގެ ބައެއް މެންބަރުންނާއި އަމިއްލަ އެއް މެންބަރަކު ބިލް ފާސްކުރަން ވޯޓް ދެއްވި އެވެ.

ތްރީލައިންވިޕެއް ނެރެފި ނަމަ، އެ ޕާޓީއަށް ނިސްބަތްވާ ހުރިހާ މެންބަރުންވެސް އެ ބިލު ބަލައިގަތުމަށް ވޯޓުދޭން ލާޒިމްވާނެ އެވެ. މިކަމާ ގުޅިގެން ޕާޓީގެ ޕީޖީ ގްރޫޕްގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.