ހަބަރު

އިތުރު 28 ރަށަށް އެމްބިއުލެންސް ގެންނަން އެސްޓީއޯއަށް

ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ފޯރުކޮށްދޭން ހެލްތު މިނިސްޓްރީ އާއި އެސްޓީއޯ އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ހެލްތު މިނިސްޓަރު އަބުދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ މިއަހަރު ނިމެންވާއިރަށް ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ފޯރުކޮށްދޭނެ ކަމަށެވެ. އެގޮތުން މިހާރުވެސް 189 ރަށުގައި އެމްބިއުލާންސްގެ ހިދުމަތް ދެމުން އަންނަ ކަމަށެވެ.

މިސަރުކާރުން މިހާތަނަށް ސިއްހީ ދާއިރާއަށް 40 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ހޮސްޕިޓަލުތަކާއި ސިއްހީ މަރުކަޒުތަކުގައި ހަލާކުވެފައިހުރި ފަރުނީޗަރުތައް އާކުރުންވެސް ހިމެނޭ ކަމަށެވެ. މިއަދު ރަށްތަކަށް ހަވާލުކުރަން ހަމަޖެހުނު 28 އެމްބިއުލާންސް އަކީ ދައުލަތުގެ ބަޖެޓުން 5.34 މިލިއަން ރުފިޔާ ހަރަދުކޮށްގެން ގެންނަ އެމްބިއުލާންސް ތަކެއް ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.

މިހާރު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ސީ އެމްބިއުލާންސްގެ ހިދުމަތް ދެމުން އަންނަ އިރު، ތިން އަތޮޅެއްގައި ޕެރެމެޑިކް އެމްބިއުލާންސްގެ ހިދުމަތް ދެ އެވެ. ވަރަށް އަވަހަށް މާލެ އާއި ހދ. ކުޅުދުއްފުށީގައި ވެސް ޕެރެމެޑިކް އެމްބިއުލާންސްގެ ހިދުމަތް ދޭން ފަށާނެ ކަމަށެވެ.

އެސްޓީއޯ އިން ބުނީ މަހެއްހާ ދުވަހުގެ ތެރޭގައި ރަށްތަކަށް އެމްބިއުލާންސް ފޯރުކޮށްދޭނެ ކަމަށެވެ.