ކައުންސިލްތަކުގެ އުމުރު ފަސް އަހަރަށް ބަދަލު ކުރަން ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ. ގާނޫން އަސާސީގައި މިހާރު ބުނެފައި ވަނީ ކައުންސިލްތަކުގެ އިންތިހާބު ކޮންމެ ތިން އަހަރަކުން ބާއްވަން ޖެހޭނެ ކަމަށެވެ.
އެހެން ނަމަވެސް އެމްޑީއޭއަށް ނިސްބަތްވާ މެންބަރު އާމިރު މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ކައުންސިލްތަކުގެ އުމުރު ފަސް އަހަރަށް ބަދަލުކުރަން އަނެއްކާވެސް ގާނޫން އަސާސީއަށް އިސްލާހެއް ހުށަހަޅައިފަވާ ކަމަށެވެ. އާމިރު ވަނީ މީގެ ކުރިން ވެސް އެފަދަ އިސްލާހެއް ހުށަހަޅައިފަ އެވެ. އެހެން ނަމަވެސް އެ ފަހަރު އެ އިސްލާހު ވަނީ އަނބުރާ ނަގައިފަ އެވެ.
ކައުންސިލްތަކުގެ އުމުރު ފަސް އަހަރަށް ބަދަލު ކުރަން ނިންމާފައިވާ އިރު ކައުންސިލަރުންގެ އުމުރު މިއަހަރު ހަމަވާނެ އެވެ. އަދި އިލެކްޝަންސް ކޮމިޝަނުން އަންނަނީ އެ އިންތިހާބަށް ތައްޔާރީތައް ވަމުންނެވެ. އެކަމާ ގުޅޭ ގޮތުން ސިޔާސީ ޕާޓީތަކާ އެކު މިހާރު ވަނީ މަޝްވަރާތައް ބާއްވައިފަ އެވެ.