ހަބަރު

ކުޑަކުއްޖަކާ ބެހިގެން ހޯރަ އިއްބެ 10 އަހަރަށް ޖަލަށްލާން ކުރި ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފި

ކުޑަކުއްޖަކާ ބަދު އަޚުލާގީ އަމަލު ހިންގިކަން ސާބިތުވާތީ ރައީސް އޮފީހުގެ ކުރީގެ އަންޑަ ސެކެޓްރީ އިބްރާހިމް ރަޝީދު(ހޯރަ އިއްބެ) 10 އަހަރަށް ޖަލަށްލާން ދަށު ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން މިއަދު ތާއީދުކޮށްފި އެވެ.

އެ މައްސަލައިގެ ތުހުމަތުގައި ހޯރަ އިއްބެ ހައްޔަރުކުރީ ޑިސެމްބަރު، 2012 ގައި ގ. މާވަސް ގޭގެ ކޮޓަރިއެއްގައި 18 އަހަރު ނުފުރޭ އަންހެން ކުއްޖަކާ އެކު އޮއްވަ އެވެ. އެ މައްސަލައިގައި ހޯރަ އިއްބެ ހައްޔަރުކުރި ފަހުން އޭނާ ވަނީ އެ ކުއްޖާއާ ކައިވެނިކޮށްފަ އެވެ.

އެ މައްސަލައިގައި ހޯރަ އިއްބެ 10 އަހަރަށް ޖަލަށްލާން 2013 ގައި ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން މިއަދު ތާއީދުކުރީ އެ ހުކުމް ހޯރަ އިއްބެގެ ފަރާތުން އިސްތިއުނާފް ކުރުމުންނެވެ. އެގޮތަށް ހައި ކޯޓުން ނިންމިކަން "އަވަސް" އަށް ކަށަވަރުވި ނަމަވެސް އެ ހުކުމުގެ ތަފްސީލެއް މިހާތަނަށް ނުލިބެ އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ރައީސް އޮފީހުގެ އަންޑަ ސެކެޓްރީއަކަށް ހުންނެވި ހޯރަ އިއްބެގެ މައްޗަށް ދައުލަތުން ދައުވާކުރީ ބޮޑެތި އަދަބުތައް ދެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކުން އަމަލު ކުރުމުގެ ގާނޫނުގެ ދަށުންނެވެ.