އޭސީސީ

އޭސީސީގެ ގާނޫނަށް ގެންނަ އިސްލާހުތައް އޭޖީއަށް ހުށަހަޅައިފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ގާނޫނަށް ގެންނަން ފެންނަ އިސްލާހުތައް އެ ކޮމިޝަނުން ބަންޑާރަ ނައިބުގެ އޮފީހަށް ހުށަހަޅައިފި އެވެ.

އޭސީސީން ވަނީ އެ ކޮމިޝަންގެ ގާނޫނަށް 68 އިސްލާހެއް ހުށަހަޅާފަ އެވެ. އެ އިސްލާހުތައް ހުށަހަޅާފައިވަނީ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމުގައި ދިމާވާ މައްސަލަތަކާއި މިހާތަނަށް އެ ކޮމިޝަނުން ކޮށްފައިވާ ތަޖުރިބާތަކާއި ގާނޫނުލް އުގޫބާތާއި ގުޅިގެން ޖިނާއީ އަދުލުގެ ނިޒާމަށް އައި ބަދަލުތަކާއި ގުޅިގެން އެ ކޮމިޝަންގެ ގާނޫނަށް ގެންނަންޖެހޭ ކަމަށް ފާހަގަކުރެވުނު ކަންތައްތަކަށް ބެލުމަށްފަހު އެވެ.

އޭސީސީން ބުނީ ގާނޫނަށް ގެންނަންޖެހޭ ކަމަށް ފެންނަ އިސްލާހުތަކުގެ ތެރޭގައި ކޮމިޝަންގެ މަސްއޫލިއްޔަތުތަކާއި، ބާރުތަކާއި، ކޮމިޝަންގެ އިހުތިސޯސާ ގުޅުންހުރި މުހިއްމު ބަދަލުތަކެއް ގެންނަން ހުށަހަޅާފައިވާނެ ކަމަށެވެ.

އޭގެތެރޭގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމާއި، ތަހުގީގު މަރުހަލާގެ ތެރޭގައި ކަންކަން ހުއްޓުވުމާއި، ކޮރަޕްޝަންގެ ކުށްތަކުގެ ތެރެއިން ދައުލަތަށް ގެއްލިގެންދާ ފައިސާ އަނބުރާ ހޯދުމާއި، ދައުލަތުގެ މުވައްޒަފުން މުދަލާއި ފައިސާ ހޯދާގޮތް ބެލުން އަދި ކޮރަޕްޝަންގެ ކުށްތައް ތަހުގީގުކުރުމަށްޓަކައި ހާއްސަ އޮޕަރޭޝަންތައް ހިންގުމާ ގުޅޭ އިސްލާހުތައް ހިމެނެ އެވެ.