މިހާރު އަމަލު ކުރަމުން އަންނަ އާ ގާނޫނުލް އުގޫބާތަށް އިސްލާހުތަކެއް ހުށަހަޅަން ސަރުކާރުން ނިންމައިފި އެވެ. އެ ގާނޫނަށް އަމަލުކުރަން ފަށާފައިވަނީ 2015 ވަނަ އަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހު އެވެ.
ރޭ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވީ ގާނޫނުލް އުގޫބާތަށް މި އަހަރު އިސްލާހު ގެނައުމަށް ދެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ. އިސްލާހު ގެންނަން ނިންމާފައިވާ ފުރަތަމަ ޗެޕްޓާއަކީ ދައުލަތަށް ހިޔާނާތްތެރިވުމުގެ ކުށުގެ ޗެޕްޓަރެވެ. އެ ޗެޕްޓަރުގައި ހިޔާނާތްތެރިވުމާއި ބަޣާވާތް ކުރުމުގެ ކުށް ހިމަނަން ނިންމާފައިވާ ކަމަށް އަނިލް ވިދާޅުވި އެވެ.
އޭގެ އިތުރުން ވެސް ކޮރަޕްޝަނާ ގުޅޭ ބޮޑު ބައެއް ގާނޫނުލްއުގޫބާތުގައި ހިމަނަން ނިންމާފައިވާ ކަމަށް އަނިލް ވިދާޅުވި އެވެ. އަނިލް ވިދާޅުވި ގޮތުގައި އިސްލާހު ގެންނަން ނިންމާފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ގެންނަން ބޭނުންވާ ބައެއް ބަދަލުތައް ހިމަނައިގެންނެވެ. އެ ބަދަލުތަކަކީ ކޮރަޕްޝަން ނައްތާލުމާ ބެހޭ މުއާހަދާގައި ހިމެނޭ ކުށްތައް ހިމެނޭ ގޮތަށް އެކަންކަން ކުށްވެރިކޮށްފައި ގެންނަ ބަދަލުތަކެކެވެ. އެ އިސްލާހުގައި އިސްކަން ދީފައިވާނީ ކޮރަޕްޝަނާއި ހިޔާނާތްތެރިވުމާއި ރިޝްވަތުގެ ކުށަށެވެ.
"ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ރިޝްވަތު ހިފައި ރިޝްވަތުދޭ ކަމަށް ވަންޏާ އެ މީހުންނަށް އަދަބު ބޮޑުވާނެ ގޮތަކަށް އަޅުގަނޑުމެން މި ބިލްގައި ކަނޑައަޅާފައި އޮންނާނެ،" ބަންޑާރަ ނައިބު ވިދާޅުވި އެވެ.
ގާނޫނުލް އުގޫބާތު މިހާރު ވެސް ހިޔާނާތާއި ރިޝްވަތުގެ ކުށް އޮވެ އެވެ. ނަމަވެސް އެ ކުށް ކުރާ ގޮތާއި ޒާތަށް ބަލައި ކުށް ބޮޑުވާ ނުވަތަ ތަފާތުވާ ގޮތެއް ނޯވެ އެވެ. މިހާރު އަމަލު ކުރަމުންދާ ގާނޫނުލް އުގޫބާތުގައި ކޮރަޕްޝަންގެ ގިނަ ކުށްތަކެއް ހިމަނާފައިވީ ނަމަވެސް "ކޮރަޕްޝަން" ސީދާ އެ ކުށެއް ނެތެވެ. ކޮރަޕްޝަންގެ އަމަލުތަކުގެ ތެރޭގައި ހިމަނާފައިވާ ކުށްތަކުގެ ތެރޭގައި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ހިޔާނާތްވުމާއި ރިޝްވަތުގެ ކުށް ހިމެނެ އެވެ.
ކޮރަޕްޝަންގެ ކުށުގައި މިހާރު ވެސް ދައުވާކުރަނީ 2000 ވަނަ އަހަރު އަމަލު ކުރަން ފެށި، ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނޫނުގެ ދަށުންނެވެ. އެ ގާނޫނަކީ މި ޒަމާނަށް ފެތޭ ގާނޫނެއް ނޫން ކަމަށް ގާނޫނީ ބޭފުޅުން ވިދާޅުވެ އެވެ. އެ ގާނޫނަށް އިސްލާހު ބޭނުންވެފައިވާތާ ވަނީ ދުވަސްތަކެއްވެފަ އެވެ. އޭސީސީއިން ވެސް އެކަން ފާހަގަ ކޮށްފައިވެ އެވެ. އަދި، ކޮރަޕްޝަންގެ ތަފާތު ކުށްތައް ހިމެނޭ ގާނޫނެއްގެ މުހިންމުކަން ފާހަގަ ކޮށްފައިވެ އެވެ.