ސުޕްރީމް ކޯޓް

ގޮނޑީގެ މައްސަލައިގެ އަޑުއެހުން މާދަމާ

ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންގެ ގޮނޑީގެ މައްސަލާގައި އެޓާނީ ޖެނަރަލް ހުށަހެޅުއްވި ދުސްތޫރީ މައްސަލާގެ އަޑުއެހުމެއް ސުޕްރީމް ކޯޓުން އަނެއްކާވެސް ތާވަލްކޮށްފި އެވެ. އަޑުއެހުން ތާވަލްކޮށްފައިވަނީ މާދަމާ 11:00 އަށެވެ.

ގޮނޑީގެ މައްސަލާގައި އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ފަސް ފަނޑިޔާރުންގެ އިއްތިފާގުން އެކެއް ފެބުރުއަރީގައި ނިންމެވި އެވެ. ނަމަވެސް އެ އަމުރާމެދު ހިތްހަމަ ނުޖެހިގެން އޭޖީ ވަނީ ދުސްތޫރީ މައްސަލައެއް ވައްދާފަ އެވެ.

އެ މައްސަލާގައި ގޮތެއް ނިންމެންދެން މެންބަރުން މަޖިލީހަށް ނުވައްދަން ވަގުތީ އަމުރެއް އޭގެ ފަހުން ވަނީ ނެރެފަ އެވެ. އެ އަމުރު ނެރުއްވީ ތިން ފަނޑިޔާރުންނެވެ.

ސުޕްރީމް ކޯޓްގެ ފުލް ބެންޗް ކަމަށްވާ ފަސް ފަނޑިޔާރުންގެ އިއްތިފާގުން އެކެއް ފެބުރުއަރީގައި ނެރެފައިވާ އެ ހުކުމުގައިވާ މެންބަރުންގެ ގޮނޑީގެ މައްސަލައިގެ ކޮށްފައިވާ އަމުރަށް އަމަލު ކުރުން މަޑު ޖައްސާލަން އެ ބެންޗްގެ ތިން ފަނޑިޔާރުން ނެރުނު އަމުރުގައި ވަނީ 12 މެންބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށާއި އެ މެންބަރުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިކުރަން ޖެހޭނެ ކަމަށް އެކެއް ފެބުރުއަރީގެ ސުޕްރީމް ކޯޓްގައި އަމުރުގައި ބުނެފައިވާ ބައި ބާތިލްކޮށްދޭން އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އެ ކޯޓަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. އެ އަމުރާ މެދު އަމަލު ކުރާނެ ވަކި ގޮތެއް އެ ކޯޓުން އަންގާނީ އޭޖީ ހުށަހެޅުއްވި މައްސަލަ ބެއްލެވުމަށް ފަހު ކަމަށް ވެސް ތިން ފަނޑިޔާރުންގެ އަމުރުގައިވެ އެވެ.

މެންބަރުންގެ ގޮނޑިއާމެދު ސުޕްރީމް ކޯޓުގައި ކުރިއަށްދާއިރު ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު ހެދުމަށް މިހާރު މަޖިލީހަށް ވަނީ ބިލް ވައްދާފަ އެވެ. އެ ބިލާ ގުޅޭ ގޮތުން މާދަމާ މަޖިލީހުގައި ބަހުސް ކުރާނެ އެވެ.