ހަބަރު

ހޯމް މިނިސްޓްރީގެ އިހުމާލުން ފައިސާގެ ބޮޑު އަދަދެއް ވަނީ ނުލިބި: އޮޑިޓް

  • ގެއްލުން ފައިސާ ހޯދަން ވަނީ ލަފާ އަރުވާފައި
  • އައްޑޫ މެދުވެރިކޮށް ހެއްދި އައިޑީތަކުގެ ފައިސާ ޖަމާނުވޭ
  • ޖަމާކުރި ކައުންސިލްތަކުގެ ފައިސާގެ ތަފުސީލެއް ނެތް

ދެހާސް ތޭރަ ވަނަ އަހަރު އައްޑޫ ސިޓީ ކައުންސިލް މެދުވެރިކޮށް ހަދާފައިވާ އައިޑީކާޑުތަކުގެ ފީގެ ގޮތުގައި އެ ކައުންސިލަށް ބަލައިގަނެފައިވާ 344،000ރ. އަށް ވުރެ ގިނަ ރުފިޔާ ދައުލަތުގެ ކަމަބެހޭ އެކައުންޓަށް ޖަމާކޮށްފައި ނުވާކަމަށް އޮޑިޓް އޮފީހުން ނެރުނު ހޯމް މިނިސްޓްރީގެ 2013 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.

އެ އަހަރުގެ އަހަރު މެދާ ހަމައަށް ވަޒީރު ކަމުގައި ހުންނެވީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ. އޭގެ ފަހުން ރައީސް ވަހީދުގެ ވެރިކަން ބަދަލުވަންދެން ވަގުތީ ގޮތުން ހުންނެވީ އަހުމަދު ޝަފީއު އެވެ.

ދެހާސް ތޭރަ ވަނަ އަހަރު ހޯމް މިނިސްޓްރީން ހިންގާފައިވާ ފައިސާގެ މުއާމަލާތްތައް މޮނިޓާ ކުރުމަށްފަހު ތައްޔާރުކޮށްފައިވާ އެ ރިޕޯޓުގައި ބުނެފައިވަނީ އަތޮޅުތަކުގެ ކައުންސިލްތައް މެދުވެރިކޮށް ހެއްދި އައިޑީކާޑު ތަކުގެ ފީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާގެ ބޮޑު އަދަދެއް ޕަބްލިކް އެކައުންޓަށް ޖަމާ ނުވާ ކަމަށެވެ. އެގޮތުން ފީގެ ގޮތުގައި އައްޑޫ ކައުންސިލުން ބަލައިގެންފައިވާ 344،000ރ. ޕަބްލިކް އެކައުންޓަށް ޖަމާކޮށްފައި ނުވާކަން ފާހަގަވެފައިވާ ކަމަށެވެ. ފައިސާ ޖަމާކުރަމުންދިޔަ ކައުންސިލްތަކުން ވެސް ޖަމާކޮށްފައިވާ ފައިސާގެ ތަފްސީލް، ހޯމް މިނިސްޓްރީގެ ދަށުން އޭރު ހިންގި ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އަށް ފޮނުވާފައިނުވާތީ މައްސަލަތަކެއް ކުރިމަތިވި ކަމަށެވެ.

ރިޕޯޓްގައި ބުނަނީ 13 ކައުންސިލަކުން 932،020ރ. 2013 ވަނަ އަހަރު ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކޮށްފައިވާއިރު މީގެ ތެރެއިން 550،070ރ. ތަފްސީލުތައް ލިބިފައި ނެތް ކަމަށެވެ.

މާލިއްޔަތުގެ ގަވާއިދުގައި ބުނާ ގޮތުން ދައުލަތުގެ ތަންތަނުން ކުރާ މަސައްކަތްތަކަށް ނުވަތަ ދެވޭ ހިދުމަތްތަކަށް ނުވަތަ ވިއްކި އެއްޗެއްގެ އަގަށް ލިބެންވާ ފައިސާ އެކަމެއް ނިމުމުން އެއް މަސްދުވަހުގެ ތެރޭގައި ދައުލަތުގެ ބޭންކް އެކައުންޓަށް ހޯދަން ޖެހޭނެ އެވެ. އެހެންކަމުން އެ އުސޫލަށް އަމަލު ކުރުމަށް އޮޑިޓާ ޖެނަރަލް ވަނީ ހޯމް މިނިސްޓްރީއަށް ލަފާ ދެއްވާފަ އެވެ. އަދި އެ ފައިސާގެ ތެރެއިން ތަފްސީލް ނުލިބިވާ ފައިސާގެ ތަފްސީލް ހޯދަން ލަފާ ދެއްވާފައިވެ އެވެ.

މީގެ އިތުރުންވެސް، ހަރަދުތައް ބަޔާން ކުރުމާއި، ހަރުމުދަލުގެ ރަޖިސްޓްރީ ބެލެހެއްޓުމުގައި މާލިއްޔަތުގެ ގާނޫނާއި ހިލާފަށް ހޯމް މިނިސްޓްރީގައި ހުރި ބައެއް އެހެން ކަންކަން ވެސް އޮޑީޓުގައި ފާހަގަކޮށްފައި ވެއެވެ.