ހަބަރު

ޑޮލްފިން އާއި ލިލީސްއާ ދެމެދު ހުސްބިން ތަރައްގީ ކުރަން ހުޅުވާލައިފި

Jul 3, 2016

ހެންވޭރު އަލިމަސް ކާނިވާ ސަރަހައްދުގެ ހުސްބިމެއް ތަރައްގީ ކުރަން ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލައިފި އެވެ.

ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނަނީ ކާނިވާ ސަރަހައްދުން ތަރައްގީ ކުރަން ހުޅުވާލި ހުސް ބިމަކީ "ޑޮލްފިން ކެފޭ" އާއި ކުރިން ހިންގަމުން އައި "ލިލީސް ކެފޭ" އާ ދެމެދުގައިވާ ހުސް ބިން ކަމަށެވެ.

އެ އިއުލާން ބުނެފައި ވަނީ އެ ބިން ތަރައްގީ ކުރުމަށް އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 17 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެ މިނިސްޓްރީއަށް ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނެ ކަމަށާއި އެ ބިން ފުރަތަމަ އެގްރީމަންޓް ކުރަން ހަމަޖައްސާފައި ވަނީ ދޮޅު އަހަރުގެ މުއްދަތަށް ކަމަށެވެ.

ބިން ތަރައްގީ ކުރަން ދޭނެ ފަރާތެއް ހޮވާނީ މި މިނިސްޓްރީން އެކަމަށް ކަނޑައަޅާފައިވާ ކޮމިޓީން، ޕްރޮޕޯސަލް ދިރާސާކޮށް އެންމެ މަތީ މާކްސް ހޯދާ ފަރާތަކަށް ކަމަށް ވެސް ބުނެފައި ވެއެވެ.

މި ބިން ތަރައްގީ ކުރަން ހުޅުވާލި އިރު އެ ބިމަކީ ކޮންމެ އަހަރަކު މާލެއަށް އަރާ އުދައިގައި ވަރަށް ބޮޑަށް ރާޅު އަރާ ބިމެކެވެ. އެ ސަރަހައްދުގައި ހިންގި ލިލީސް ބަންދު ކުރީ ވެސް އުދަ އަރައި ބޮޑެތި ގެއްލުން ވެގެނެވެ. ޑޯލްފިން އަކީ ޑެގް އަޅައިގެން ދެބުރިއަށް ހަދާފައިވަ ތަނެކެވެ.