ހަބަރު

ގަލްފް ކްރާފްޓް ލޯންޗުގައި ރޯކޮށްލި މައްސަލާގައި އަދީބުއާ ސުވާލުކޮށްފި

މިދިޔަ އަހަރުގެ ފަހުކޮޅު އެއާޕޯޓުން ޓޫރިސްޓުން ގޮވައިގެން ކަނިފުށި ރިސޯޓަށް ދިޔަ ގަލްފް ކްރާފްޓުގެ ލޯންޗެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ފުލުހުން ސުވާލުކޮށްފި އެވެ.

"އަވަސް"އާ ވާހަކަދައްކަވަމުން އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވީ ގަލްފް ކްރާފްޓު ލޯންޗެއްގައި ރޯވި މައްސަލާގައި އަދީބުއާ ފުލުހުން ސުވާލު ކުރީ މިއަދު ކަމަށާއި އެކަމުގައި އަދީބު ބައިވެރިވިތޯ ސުވާލު ކުރެއްވި ކަމަށެވެ. ނަމަވެސް އަދީބު ވަނީ އެކަން އިންކާރުކޮށްފައި ކަމަށް ސިރާޖު ވިދާޅުވި އެވެ.

ގަލްފް ކްރާފްޓުގެ ހިއްސާއެއް ކުރިން އަދީބުގެ ބޮޑުބޭބެ ހާމިދު އިސްމާއިލް (ހާމިދު ސޭޓު)ގެ އޮވެ އެވެ. އަދި އެލޯންޗު ކޮޅުގައި އަލިފާނުގެ ހާދިސާއެއް ހިނގިތާ މާގިނަ ދުވަހެއް ނުވަނީސް ފިނިފެންމާ ލޯންޗުގައި ވަނީ ބޮމެއް ގޮއްވާލައިފައެވެ. އަދި ގަލްފް ކްރާފްޓް ލޯންޗުގައި ގޮއްވާލުމަކީ ފިނިފެންމާ ލޯންޗުގައި ގޮއްވާލަން ކުރި "ޓެސްޓެއް" ކަމަށް ތުހުމަތު ކުރެވިފައިވެ އެވެ.

ފުލުހުން ކުރިން ބުނެފައި ވަނީ ގަލްފް ކްރާފްޓުގައި ރޯވުމައި ފިނިފެންމާ ލޯންޗު ގޮއްވައިލި ހާދިސާއާ ގުޅުމެއްވޭތޯ ބަލަމުން އަންނަ ކަމަށެވެ.