ހަބަރު

"ހަވީރު"ގެ ކުރީގެ މުވައްޒަފުންނަށް ރައްދުވާ ހުކުމް އިސްތިއުނާފުކޮށްފި

Jul 5, 2016
2

"ހަވީރު"ގެ ކުރީގެ މުވައްޒަފުންނަށް އެހެން މީޑީއާއެއްގައި ދެ އަހަރު ދުވަސް ވަންދެން މަސައްކަތް ނުކުރެވޭ ގޮތަށް ސިވިލް ކޯޓުން ނެރުނު އަމުރުގެ މައްސަލަ ހަވީރުގައި މަސައްކަތް ކުރި 35 ނޫސްވެރިއަކު ހައިކޯޓާއި ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

"ހަވީރު" ހުއްޓުމާ ގުޅިގެން، "މިހާރު" ނޫހުގައި މަސައްކަތް ކުރާ އެ 35 ނޫސްވެރިންގެ ފަރާތުން އެ މައްސަލަ ހައިކޯޓާއި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކުރެއްވި ލޯޔަރު ހުސްނުއްސުއޫދު ވިދާޅުވެފައި ވަނީ، އެ މައްސަލަ މިއަދުގެ ވަގުތެއްގައި ހައިކޯޓާއި ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ކަމަށެވެ. އަދި މައްސަލަ ބަލައިގެންފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"މިހާރު"ގެ ޗީފް އެޑިޓަރު އިސްމާއިލް ނަސީރު ވިދާޅުވީ، މައްސަލައިގައި އެ 35 ނޫސްވެރިން އެދިފައި ވަނީ ހަވީރުގެ ނޫސްވެރިންނަށް ރައްދުވާ ގޮތަށް ސިވިލް ކޯޓުން ނެރެފައިވާ ހުކުމް ބާތިލްކޮށްދިނުމަށް ކަމަށެވެ.

މިދިޔަ އާދިއްތަ ދުވަހު ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ، ފިގުހުގެ އުސޫލެއް ކަމަށްވާ، "ގެއްލުން ދުރުކުރެވޭ ހުއްޓެވެ." މި އުސޫލަށް ރިއާޔަތް ކުރާ އިރު، ހަވީރު ނޫހުގައި މަސައްކަތް ކުރި މުވައްޒަފަކު، ދެ އަހަރު ދުވަހުގެ މުއްދަތަށް އެހެން މީޑިއާއެއްގައި މަސައްކަތް ކުރުމަކީ މަނާކަމެއް ކަމަށާއި އެގޮތަށް މަސައްކަތް ކުރާ ކަމުގެ ޝަކުވާ މެޖޯރިޓީ ހިއްސާދާރުން ހޯމް މިނިސްޓްރީ ނޫނީ ބްރޮޑްކާސްޓިން ކޮމިޝަންގައި ކޮށްފި ނަމަ، މައްސަލަ ހުށަހެޅޭތާ ހަތްދުވަހުގެ ތެރޭގައި އެކަން ބަލައި ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.

އެހެން ނަމަވެސް ބަންޑާރަ ނައިބު މުހައްމަދު އަނިލް އާއި ބްރޮޑްކޮމް އިން ބުނެފައި ވަނީ، ގާނޫނު އަސާސީ އާއި ގާނޫނުތައް ހުރިގޮތުން އެކަމުގައި އެޅޭނެ ފިޔަވަޅެއް ނެތް ކަމަށެވެ.