ހަބަރު

ވޯޓުލާ ގޮތަކުން ޕާޓީ އިން ފިޔަވަޅު އެޅުމަކީ ހިތާމަކުރާ ކަމެއް: ފާރިސް

ރައްޔިތުންގެ ހައްގުގައި ލާ ވޯޓެއްގެ ސަބަބުން ޕާޓީން ފިޔަވަޅު އެޅުމަކީ ހިތާމަކުރާ ކަމެއް ކަމަށް ޕީޕީއެމްއަށް ނިސްބަތްވާ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.

ފާރިސް މައުމޫން މިއަދު ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވެފައިވަނީ، ޕީޕީއެމް އުފައްދާފައިވަނީ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް ރައްޔިތުންނަށް ކުރިއެރުމާއި ތަރައްގީ ހޯދައި ދިނުމަށް ކަމަށެވެ. އަދި ގައުމީ މަސްލަހަތު ހިފެހެއްޓުމަށްޓަކައި ލާ ވޯޓެއްގެ ސަބަބުން މެންބަރަކާ މެދު ޕާޓީން ފިޔަވަޅު އެޅުމަކީ ހިތާމަކުރާ ކަމެއް ކަމަށް ފާރިޝް ވިދާޅުވި އެވެ.

މިފަދަ ހާލަތެއް ޕާޓީގެ ގުނަވަންތަކަށް މެދުވެރިވާން ދިމާވެފައިވާ ސަބަބުތަކަކީ ޕާޓީގެ ކޮންމެ މެންބަރުން ވެސް އެނގެން ބޭނުންވާނެ ކަމެއް ކަމަށް ވެސް ފާރިސް ވިދާޅުވި އެވެ.

ފާރިސް ވިދާޅުވީ، އުއްމީދުކުރައްވަނީ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަދި ބައްޕާފުޅު އިއުލާން ކުރައްވާފައިވާ އިސްލާހީ މަޝްރޫއުގެ ސަބަބުން ޕާޓީއަށް މިހާރު ދިމާވާ ހާލަތްތައް ދެނެގަނެވި، އެފަދަ ކަންތައްތައް ނައްތާލެވޭނެ ކަމަށެވެ. އަދި ޕާޓީއަކީ ގައުމީ މަސްލަހަތަށް އިސްކަންދޭ ޕާޓީއެއްގެ ގޮތުގައި ރައްޔިތުން ބަލައިގަންނަ ޕާޓީއަކަށްވުމަށް ވެސް އުއްމީދުކުރައްވާ ކަމަށް ފާރިސް ވިދާޅުވި އެވެ.

"ޕާޓީގެ ގަވައިދާއި އެއްގޮތަށް ނުފޫޒުން އެއްކިބާވެފައިވާ މާހައުލެއްގައި އިންސާފުވެރި ކަމާއިއެކު އަޅުގަނޑުގެ މައްސަލަ ބަލަންކުރާ ހުރިހާ މަސައްކަތަކަށް އަޅުގަނޑު ފުރިހަމައަށް އެއްބާރުލުން ދޭނަން،" ފާރިސް ވިދާޅުވި އެވެ.

ފާރިސް ވިދާޅުވީ، އޭނާ ގަބޫލުކުރާ ގޮތުގައި އިސްކަންދޭން ޖެހޭނީ ރައްޔިތުންގެ މަސްލަހަތަށެވެ.

ފާރިސް މިފަދަ ބަޔާނެއް ނެރެފައިމިވަނީ، ޕީޕީއެމް ޕީޖީ ގުރޫޕްގެ ތްރީލައިންވިޕާ ދެކޮޅަށް ފާރިސް ވޯޓު ދެއްވުމާ ގުޅިގެން އެ މައްސަލަ ސުލޫކީ ކޮމެޓީއަށް ހުށަހަޅައި، ފާރިސްއަށް ފިޔަވަޅު އެޅުމަށް ޕީޖީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު މަސައްކަތްކުރައްވަމުންދާ ދަނޑިވަޅެއްގަ އެވެ.