ދިވެހި މީޑިއާ

މުވައްޒަފުން ވަތްކެއް ނުކުރޭ، އެއީ ހަވީރުގެ މުވައްޒަފުން: ތިން ހިއްސާދާރުން

"ހަވީރު"ގެ ވިޔަފާރިތަކުގެ ހަތަރު ހިއްސާދާރުންގެ މައްޗަށް އެކުލެވޭ ހަވީރު ނޫސް އޭޖެންސީގެ ބޯޑުން މިހާތަނަކަށް އެއްވެސް މުވައްޒަފަކު ވަކިކުރަން ނިންމާފައި ނުވާނެ ކަމަށް އެ އެޖެންސީގެ ތިން ހިއްސާދާރުން ކަމަށްވާ އަބްދުﷲ ފާރޫގު ހަސަނާއި މުހައްމަދު ނައީމް އަދި އިބްރާހިމް ރަޝީދު މޫސާ ވިދާޅުވެއްޖެ އެވެ.

އެ ތިން ބޭފުޅުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، "ހަވީރު" ގެ މުވައްޒަފުންނަކީ އޮޅުމެއް ނެތް ގޮތުގައި "ހަވީރު" ގެ ވިޔަފާރިތަކުގެ މުވައްޒަފުން ކަމަށާއި "ހަވީރު" ގެ ތިން ހިއްސާދާރެއްގެ އެއްވެސް ބަހެއް ނެތި ޑީ ފެކްޓޯކޮށް "ހަވީރު" ގެ ވިޔަފާރިތައް ހިންގަމުން އައި ފަރާތުން، އެ މުވައްޒަފުންގެ ކޮންޓްރެކްޓުގައި "އެމްޕްލޯޔާ" އެއްގެ ގޮތުގައި ކޮންމެ ފަރާތެއްގެ ނަން ލިޔެފައި އޮތަސް، ހަގީގަތުގައި އެ މުވައްޒަފުންނަކީ "ހަވީރު" ގެ ވިޔަފާރިތަކުގެ މުވައްޒަފުން ކަމަށެވެ.

ތިން ހިއްސާދާރުން ބުނީ، އެއްވެސް މުވައްޒަފަކު ވަކިކުރުމަށް ނިއުސް އެޖެންސީގެ ބޯޑުން ނިންމާފައިނުވާނެ ކަމަށާއި އަދި ވަޒީފާއިން ވަކިވުމަށް އެއްވެސް މުވައްޒަފަކު އެ ބޯޑަށް ހުށަހަޅާފައިވެސް ނުވާ ކަމަށެވެ.

"ހަވީރު ގެ މުވައްޒަފުންގެ ތެރޭގައި "ހަވީރު" ގެ މާލިއްޔަތުން ގިނަ އަދަދެއްގެ ފައިސާ ހަރަދު ކޮށްގެން ތައުލީމާއި ތަމްރީނު ހޯދައިދިން މުވައްޒަފުން ވެސް ހިމެނެއެވެ. އޭގެ ތެރެއިން، "ހަވީރަށް" ހިދުމަތް ކުރުމަށް ކޮންޓްރެކްޓުން ބޮންޑު ކުރެވިފައި ތިބީ ކިތައް މުވައްޒަފުންތޯ، އެއީ ކޮން މުވައްޒަފުންނެއްތޯ، މިފަދަ އެއްވެސް މައުލޫމާތެއް މިހައިތަނަކަށް ހަވީރު ނިއުސް އެޖެންސީގެ ފައުންޑަރުންގެ ތެރެއިން އަޅުގަނޑުމެން ތިން މީހުންނަކަށް އަންގައިފައެއް ވެސް ނުވޭ،" ބަޔާނުގައިވެ އެވެ.

ބަޔާނުގައި އިތުރަށްވާ ގޮތުން، ހަވީރު ނިއުސް އެޖެންސީގެ ބަހެއް ނެތި، އަދި ވެވިފައި ހުރި ވަޒީފާގެ ކޮންޓްރެކްޓްތައް އެ ކޮންޓްރެކްޓުތަކުގައި ހުރި މާއްދާތަކާއި، ރާއްޖޭގެ ގާނޫނާއި ގަވާއިދާ އެއްގޮތަށް އުވައިނުލެވެނީސް، އެ މުވައްޒަފުން އެހެން ވިޔަފާރިއެއްގައި ބައިވެރި ކުރުމަކީ އޭގެ ސަބަބުން "ހަވީރު" ގެ ހައްގުތަކާއި މަސްލަހަތުތައް ވެއްޔާ މޮޑެވި، "ހަވީރު" އަށް ނުހަނު ބޮޑު ގެއްލުން ތައް ލިބޭނެ ކަމެކެވެ. ހަމައެހެންމެ، މުވައްޒަފުންގެ ވަޒީފާގެ ކޮންޓްރެކްޓް ތަކުގައި "ނޮން ކޮމްޕީޓް" ކްލޯޒްތަކެއް ހުރި ތޯ ނުވަތަ ނޫންތޯ ވެސް އަދި ސާފު ނުވެ އޮތް ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ. މީގެ އިތުރުން ވެސް، މި މުވައްޒަފުން އެހެން ވިޔަފާރިއަކަށް ޓީމެއްގެ ގޮތުގައި ބައިވެރި ވުމުން، "ހަވީރު" ގެ ވިޔަފާރީގެ ސިއްރުތައް އެކުގައި، ފުރިހަމަ ގޮތުގައި، އެ ވިޔަފާރިއަކަށް ލިބިގެން ދާނެކަން ވެސް ވަނީ ބުނެފަ އެވެ.

"މުހައްމަދު ޒާހިރު ހުސައިނާއި، މިހައިތަނަށް ޑީ ފެކްޓޯކޮށް "ހަވީރު" މެނޭޖް ކުރަމުން އައި ހަވީރު މީޑިޔާ ގްރޫޕް ނުވަތަ މިއިން ފަރާތެއްގެ މަންދޫބެއް ނުވަތަ މަންދޫބުންތަކެއް، "ހަވީރު" ގެ ވިޔަފާރިތަކުގައި ވަޒީފާ އަދާ ކުރަމުން ދާ "ހަވީރު" ގެ މުވައްޒަފުންގެ އެންމެން އެއްފަހަރާ ނުވަތަ އޭގެ ތެރެއިން ގިނަ ބަޔަކު ތަނުން ބޭރު ކޮށްގެން ގޮސް ވަކި ވިޔަފާރިއެއް ފަށައިގަނެ، "ހަވީރު" ގެ ވިޔަފާރީގެ ސިއްރުތައް ބޭނުން ކޮށް، "ހަވީރާ" ވާދަ ކުރުމަކީ ކަނޑައެޅިގެން ހުރި މަކަރާއި ހީލަތެވެ. އެފަދަ ގޮތަކަށް ކަންތައް ވެގެން ހިނގައްޖެ ނަމަ، "ހަވީރު" ގެ ވިޔަފާރި ފަނާ ވެ، "ހަވީރު" ބަނގުރޫޓު ވެ، "ހަވީރު" އަށް އިއާދަ ނުކުރެވޭނޭ ގެއްލުންތަކެއް ލިބޭނެ ކަން އެއީ ކަށަވަރު ކަމެއް،" ބަޔާނުގައި ވަނީ ބުނެފައިވެ އެވެ.

ތިން ހިއްސާދާރުން ވިދާޅުވެފައިވަނީ، ހަވީރު ނޫސް ހުއްޓާލައި، މުވައްޒަފުން ބިކަ ކޮށްލީ އެ ބޭފުޅުން ނޫން ކަމަށާއި އެއީ، ހަވީރު މީޑިއާ ގުރޫޕުން ކުރި ކަމެއް ކަމަށެވެ. އަދި "ހަވީރު" ގެ ވިޔަފާރިތަކުގެ ކަންކަން މެނޭޖް ކުރުމުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭންދެން، މުވައްޒަފުންނަށް މުސާރަ ދިނުމުގެ ޒިންމާ ނަގާން ޖެހޭ ފަރާތަކީ ޒާހިރު ހުސައިނާއި ހަވީރު މީޑިޔާ ގްރޫޕް ކަމަށް ވެސް ވަނީ ބުނެފަ އެވެ. . މުސާރަ ނުލިބުމުގެ ސަބަބުން މުވައްޒަފުންނަށް ލިބޭ ނިކަމެތިކަމާއި ގެއްލުންތަކުގެ ޒިންމާ ޝަރުއީ އަދި ގާނޫނީ ގޮތުން އުފުލާން ޖެހޭ ފަރާތަކީ ވެސް، ޒާހިރު ހުސައިނާއި ހަވީރު މީޑިޔާ ގްރޫޕު ކަމަށެވެ.

"ކަން މިހެން އޮތުމާ އެކުގައިމެ، الله ގެ އިރާދަފުޅާ އެކު، މުވައްޒަފުންނަށް ވަޒީފާޔަށް ނުކުމެވޭނެ ގޮތެއް ވީ އެންމެ އަވަހަކަށް ފަހި ކޮށްދޭނެ ކަމަށާއި، "ހަވީރު" ގެ އޮޕަރޭޝަންސް ހުއްޓައިލި ދުވަހުން ފެށިގެން، އާދައިގެ ހާލަތަކަށް "ހަވީރު" ރުޖޫއަ ވުމާ ހަމަޔަށް މުވައްޒަފުންނަށް "ހަވީރު" އިން ލިބޭން ޖެހޭ މުސާރަ އާއި އިނާޔަތްތައް، މުހައްމަދު ޒާހިރު ހުސައިންގެ ހިއްސާގެ ތެރެއިން ހޯދައިދިނުމަށް ޓަކައި އެޅޭން އޮތް ހުރިހާ ފިޔަވަޅުތަކެއް އަޅާނެ ކަމުގެ ޔަގީންކަން އަޅުގަނޑުމެން ހުރިހާ ފަރާތްތަކަށް ދޭ ވާހަކަ ދަންނަވަމެވެ." ބަޔާނުގައިވެ އެވެ.

މީގެއިތުރުން "ހަވީރު" ގެ ކޮންމެ މުވައްޒަފަކަށް ވެސް އެ މުވައްޒަފަކު ބޭނުން ތަނެއްގައި، ބޭނުން ވަޒީފާއެއް އަދާ ކުރެވޭނެ ކަމަށާއި ނަމަވެސް "ހަވީރު" ގެ ވަޒީފާގައި ހުރި މުވައްޒަފަކަށް އެހެން ވަޒީފާއަކަށް ދެވޭނީ، "ހަވީރު" އާއެކު ވެފައި އޮތް އެއްބަސްވުން، ޝަރުއީ އަދި ގާނޫނީ ހަމަތަކުގެ މަތީން ޓާމިނޭޓް ކުރުމަށް ފަހު ކަމަށް ތިން ހިއްސާދާރުން ބަޔާނުގައި ވަނީ ބުނެފަ އެވެ. އަދުލުވެރި އަދި އިންސާފުވެރި ގޮތެއްގެ މަތީން، "ހަވީރު" ގެ ވަޒީފާގެ އެއްބަސްވުން ޓާރމިނޭޓް ކޮށްފައި، އެހެން ވަޒީފާއަކަށް ދާން ބޭނުން މުވައްޒަފަކަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.