ބޭރު ކުޅިވަރު

"އަހަރެން އެއްޗެއް ބުނީ ޒިދާންގެ ދައްތައަށް ނިސްބަތްކޮށް"

Jul 9, 2016
2

ފުޓްބޯޅައިގެ ދުނިޔޭގައި ފްރާންސްގެ ފުޓްބޯޅައިގެ ލެޖެންޑް ޒައިނުއްދީން ޒިދާންއަށް ލޯތްބާއި ގަދަރު ނުކުރާނެ، ފުޓްބޯޅައިގެ ސަޕޯޓަރުން މަދު ވާނެއެވެ. ޒިދާންގެ ޑިސިޕްލިން އާއި އޭނާގެ ހުނަރަކީ ފުޓްބޯޅައިގެ ދުނިޔޭގައި އެހާވެސް ހައިބަތު ހުރި ކަމެކެވެ.

ނަމަވެސް، މީހުން ޒިދާންއާ މެދު ދެކޭގޮތް ބަދަލުވެފައި ހުރިނަމަ، އެކަން ބަދަލުވީ ހަމަ އެންމެ މިނެޓެއްގެ ހާދިސާއަކުންނެވެ. ޖަރުމަނުގައި 2006 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕްގެ ފައިނަލުގައި އިޓަލީއާ ފްރާންސް ބައްދަލު ކުރި މެޗްގެ އެއްވަރުވެ އިތުރަށް ކުޅުނު 15 މިނެޓްގެ ދެހާފުގެ ތެރެއިން، މެޗްގެ 110 ވަނަ މިނެޓްގައި އިޓަލީގެ ކުރީގެ ޑިފެންޑަރު މާކޯ މަޓަރާޒިގެ މޭ މަތީގައި ޒީދާންގެ ބޮލުން ޖަހައި ދަނޑުމައްޗަށް ވައްޓާލި ހާދިސާ އިންނެވެ.

އެ މެޗްގެ ރެފްރީކަން ކުރި އާޖެންޓީނާގެ ހެރާސިއޯ އެލްޒެންޑޯ ވަނީ ކުޅުމުން ބޭރުގައި ޒިދާން ކުރި އެ ފައުލާ ގުޅިިގެން، ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ.

އެ ރަތް ކާޑާއެކު ދަނޑުން ފައިބައިގެން ދިޔަ ދުނިޔޭގެ އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ، ޒިދާން ކުޅުންތެރިޔެއްގެ ގޮތުގައި އޭނާގެ ފުޓްބޯޅައިގެ ކެރިއާ ނިންމާލި އެވެ.

މަޓަރާޒީގެ މޭ މަތީގައި ބޮލުން ޖެހި ހާދިސާއަށް ފަހު، މިއަދާ ހަމަޔަށްވެސް، އެ ވާހަކަ އެކި ގޮތްތައް މީހުންގެ ދޫމަތިން ވާރުތަވަމުން އައިސްފައި ވެއެވެ. އެކި މީޑިއާތަކުން އެ ވާހަކަ ދައްކައި އުޅުނީ އެކި ގޮތަށެވެ. އެ ހާދިސާގެ ސަބަބުން އެއް ބައެއްގެ ނަފުރަތު ޒިދާންއަށް ލިބުނު އިރު، މަޓަރާޒީއަށް ވެސް އޮތް ނަފުރަތާއި ފުރައްސާރަ ވަކި ކުޑައެއް ނުވިއެވެ.

އެ ހާދިސާއަށް 10 އަހަރު ފަހުން، މަޓަރާޒީ ވަނީ ދަނޑުމަތީގައި އޭނާ ބުނި ވާހަކައިގެ ހަގީގަތް ހާމަކޮށްފަ އެވެ.

"އަހަންނަށް ވެސް ބުނެވުނީ ބުނެގެން ވާނެ އެއްޗެއް ނޫން،" ފްރާންސްގެ ކުޅިވަރު ނޫސް "އެލެކިޔްޕް" އަށް ދިން އިންޓަވިއުގައި މަޓަރާޒީ ބުންޏެވެ. ނަމަވެސް އޭނަ ބުނީ ޒިދާންގެ ފަރާތުން އެވަރުގެ ކަމެއް ކުރިމަތިވެދާނެ ފަދަ އެއްޗެއް ނުބުނާ ކަމަށެވެ.

"ނެޕަލްސް އާއި ރޯމް އަދި ޕެރިސްގެ މަގުމަތިން، އެއަށްވުރެ މާ އަސަރު ކުރާ އެއްޗެހި ވެސް ގޮވާނެ. އެހެން ގޮވާ އެއްޗިހި މާ ސިރިއަސް" މަޓަރާޒީ ބުންޏެވެ.

މިއަދާ ހަމަޔަށްވެސް، އެ ހާދިސާއާ ބެހޭގޮތުން، މީހުން އެންމެ އޮލަކޮށް ދައްކާ ވާހަކައަކީ ޒިދާންގެ މަންމައަށް ނިސްބަތްކޮށް މަޓަރާޒީ ބަދު ބަހެއް ބުނި ވާހަކައެވެ. ނަމަވެސް މަޓަރަޒީ ބުނީ ޒިދާންގެ މަންމަ އަށް ނިސްބަތްކޮށް އޭނާ އެއްވެސް އެއްޗެއް ނުބުނާ ކަމަށެވެ.

"އަހަރެންގެ މަންމަ މަރުވީ އަހަރެންގެ އުމުރުން 15 އަހަރުގައި، ދެން އަހަރެން ކީއްވެ އޭނާގެ މަންމައަށް ނިސްބަތްކޮށް އެއްޗެއް ބުނަންވީ" މަޓަރާޒީ ބުންޏެވެ.

"އެކަމަކު އަހަރެން އެއްޗެއް ބުނިން. ބުނީ އޭނަގެ ދައްތައާ ބެހޭގޮތުން"

ބައެއް މީހުންގެ ނަޒަރުގައި މުޅި އެމެޗް ބަދަލުވެގެން ދިޔައީ އެ ހާދިސާއަށް ފަހުގައެވެ. ނަމަވެސް މަޓަރާޒީ ބުނީ އެމެޗްގައި އޭނާ އެންމެ ބޮޑަށް ހަނދާން ވަނީ ފްރާންސް ލީޑްގައި ވަނިކޮށް އިޓަލީއަށް އެއްވަރުކޮށްދިން ލަނޑު އޭނާ ކާމިޔާބު ކުރުމެވެ. އަދި މެޗް އެނބުރިގެން ދިޔަ ހިސާބަކީވެސް އެއީ ކަމަށް އޭނާ ބުންޏެވެ.