ޗައިނާ

އިންޑިއާ ކަނޑުގެ ޝިޕިން ހަބަކަށް ލަންކާ ހަދައިދޭނަން: ޗައިނާ

Jul 9, 2016

އިންޑިއާ ކަނޑުގެ ޝިޕިން ހަބަކަށް އަވަށްޓެރި ސްރީލަންކާ ހެދުމަށް ޗައިނާއިން އެހީތެރިވެދޭނެ ކަމަށް ޗައިނާގެ ހާރިޖީ ވަޒީރު ވާންގް ޔީ ވައުދުވެ ވަޑައިގެންފި އެވެ.

ހާރިޖީ ވަޒީރު ވަންގް، ލަންކާއަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅުގައި ލަންކާގެ ހާރިޖީ ވަޒީރު މަންގަލާ ސަމަރަވީރާއާ ބައްދަލު ކުރައްވައި ވަންގް ވިދާޅުވީ ޗައިނާގެ މެރިޓައިމް ސިލްކް ރޫޓްގެ ޕްރޮގްރާމްގެ ދަށުން ލަންކާގެ ތަރައްގީގެ މަސްރޫއުތަކަށް އެހީތެރިވުމުގެ ދަށުން ހިމެނޭ ކަމެއް ކަމަށެވެ.

"ސިލްކް ރޫޓަކީ ދެ ގައުމުގެ ގުޅުން މިއަށްވުރެ ހަރުދާނަ ކުރަން އެޅޭ ފިޔަވަޅެއް، އޭގެ ދަށުން ލަންކާގެ ކުރިއަށް އޮތް ފަސް އަހަރުގެ ތަރައްގީގެ މަޝްރޫތަކަށް ޗައިނާއިން އެހީތެރި ވެދޭނެ. އޭރުން އިންޑިއާ ކަނޑުގެ ސިޕިން މަރުކަޒަކަށް ލަންކާ ވުމަށް އެހީއަކަށް ވެގެންދާނެ،" މީޑިއާއާ ވަހަކަފުޅު ދައްކަވަމުން ވަންގް ވިދާޅުވި އެވެ.

ޗައިނާގެ ސިލްކް ރޫޓަށްު ސްރީލަންގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ ތާއީދު ވަނީ ލިބިފައެވެ. ނަމަވެސް މިހާރުގެ ރައީސް މައިތިރިޕަލާ ސިރިސޭނާގެ ސަރުކާރުގައި ޗައިނާއާއެކު އޮންނަ ގުޅުން ކުޑަވެފައިވާ ކަމަށް ޑިޕްލޮމޭޓުން ވިދާޅުވެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޗައިނާގެ ސިލްކްރޫޓްގެ ސަބަބުން ސަރަހައްދުގައި އޮތް އިންޑިއާގެ ނުފޫޒު ކުޑަ ވެގެންދާނެ އެވެ. އަދި ޗައިނާގެ އެއް ބޭނުމަކީ އިންޑިއާގެ ނުފޫޒު ކުޑަ ކުރުމަށްފަހު ޗައިނާގެ ނޫފޫޒު ވަރުގަދަ ކުރުމެވެ.

ނަމަވެސް ވަންގް ވިދާޅުވީ ޗައިނާއާ ލަންކާގެ ދެމެދުގައި އޮންނަ ގުޅުމަކުން، އެކަމުގެ އަސަރު އެހެން ގައުމަކަށް ނުކުރާނެ ކަމަށެވެ.

ހުއްޓާލާފައި އޮތުމަށްފަހު ލަންކާއިން ވަނީ މި އަހަރު ކުރީ ޕޯޓް ސިޓީ ގާއިމު ކުރަން ޗައިނާއަށް އަލުން ހުއްދަ ދީފައެވެ. މީގެ އެއް އަހަރު ކުރިން، އެ ޕްރޮޖެކްޓް ހުއްޓުވާފައިވަނީ ތިމާވެއްޓަށް ނުރަނގަޅު އަސަރު ކުރާ ކަމަށް ބުނެއެވެ.

ޕޯޓް ސިޓީގެ ތަރައްގީގެ ދަށުން ގޮލްފް ކޯސްއަކާއި މެރީނާ އާއި، އެޕާޓްމެންޓްގެ އިތުރުން، ސިޓީ ހޮޓަލަކާއި ސޯޕިން މޯލްއެއް ގާއިމު ކުރަން ހަމަޖެހިފައިވެއެވެ.