ދުނިޔެ

އުރުދުގާންގެ ބަހަށް ބަލްގޭރިއާގެ ހާރިޖީ ވަޒީރު ދުންފަތް ދޫކޮށްލައިފި

ދުންފަތުގެ އިސްތިއުމާލު ކުރުމާ ދުރުވުމުގެ މުހިންމުކަން ބަލްގޭރިއާގެ ހާރިޖީ ވަޒީރު ޑެނިއަލް މިޓްވޯއަށް ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބު އުރުދުގާން ވިސްނަވައި ދެއްވުމުން އޭނާ އެކަން ހުއްޓާލައްވަން ވައުދުވެ ވަޑައިގެންފި އެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމާ ދުރުވުމުގެ މުހިންމުކަން މިޓޯވްއަށް އުރުދުގާން ވިސްނައިދެއްވީ ޕޮލެންޑްގައި މިހާރު ކުރިއަށްދާ އުތުރު އެޓްލާންޓިކްގެ އަސްކަރީ ކޯލިޝަން (ނޭޓޯ) ސަމިޓްގައެވެ.

ސަމިޓްގެ ހަވާސާގައި ހަންގޭރީގެ ބޮޑުވަޒީރު ވިކްޓާ އޯބަންއާ ބައްދަލު ކުރެއްވުމަށްފަހު ނޭޓޯ-ޔޫކްރޭން މަޝަވްރާ ކުރިއަށްދާ މާލަމަށް ވަޑައިގެންނެވުމަށް ނުކުމެ ވަޑައިގަތް ވަގުތު ސްމޯކިން ރޫމްގައި، ބަލްގޭރިއާގެ ހާރިޖީ ވަޒީރު މިޓްވޯ 38، ސިނގިރޭޓް ބައްލަވަން ހުންނެވި މަންޒަރު އުރުދުގާން ފެނިވަޑައިގެންނެވި ކަމަށް ތުރުކީގެ އަނަޑަލޫ އެޖެންސީން ބުނެއެވެ.

ސްމޯކިން ރޫމުން މިޓްވޯ ނިކުމެވަޑައިގެންނެވުމުން އުރުދުގާން މިޓޯވް އަރިހަށް ވަޑައިގެން ދުންފަތާ ދުރުވުމުގެ މުހިންމުކަން މިޓްވޯއަށް ވިސްނައިދެއްވި ކަމަށް ތުރުކީގެ ހާރިޖީ ވަޒީރު މިލްވެޓް ކޮސްވަގުލޫ ވިދާޅުވިއެވެ.

އުރުދުގާން ވަނި މިޓްވޯގެ ސިނގިރޭޓް ފޮށި ނެންގެވުމަށްފަހު، އެ ފޮށީގެ ބޭރުގައި ސޮއި ކުރުމަށްފަހު އަލުން އަނބުރާ މިޓްވޯގެ އަތް ޕުޅަށް އަރުވާފަ އެވެ.

ކޮސްވަގުލޫ ވިދާޅުވީ އުރުދުގާންގެ ވާހަކަ ފުޅަށްފަހު ދުންފަތުގެ އިސްތިއުމާލު ކުރުމާ ދުރަށް ދިޔުމަށް މިޓްވޯ އުރުދުގާންގެ އަރިހުގައި ވައުދުވެ ވަޑައިގެންނެވި ކަމަށެވެ.

އުރުދުގާންއަކީ ދުންފަތުގެ އިސްތިއުމާލު ކުރުމާ ދެކޮޅަށް އިސްވެ ކެމްޕޭން ހިންގަވާ ބޭފުޅެކެވެ.