ދުނިޔެ

ގުއަންޓަނާމޯ ބޭ ޖަލުގެ ކުރީގެ ގައިދީއަކު ގެއްލިއްޖެ

އެމެރިކާގައި ހުންނަ ގުއަންޓަނާމޯބޭ ޖަލުގައި ކުރިން ބަންދުކޮށްފައި ހުރި ގައިދީއަކު އުރުގުއޭއިން ގެއްލިއްޖެ އެވެ. ސީރިޔާއަށް ނިސްބަތްވާ ޖިހާދް ދިޔާބް ނަމަކަށް ކިޔާ މި މީހާ ގެއްލުމާއެކު އެމެރިކާ ސަރުކާރަށް ވަނީ ވަރަށް ބޮޑު ޕްރެޝަރެއް ކުރިމަތިވެފަ އެވެ. މިކަމާ ގުޅިގެން ގާނޫނު ހަދާ މަޖިލީހުގައި ތިބި ރިޕަބްލިކަން ޕާޓީގެ ބައެއް މެމްބަރުންވަނީ ގުއަންޓަނާމޯ ބޭ ޖަލުން މީހަކު ގެއްލުމަކީ އެމެރިކާގެ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ބުނެފަ އެވެ.

ޖިހާދު އުރުގުއޭއަށް ބަދަލުކުރީ 2014 ވަނަ އަހަރުގެ ތެރޭގަ އެވެ. އޭނާ އާ އެކު އިތުރު ފަސް މީހަކު އެފަހަރު އުރުގުއޭއަށް ބަދަލުކޮށްފައިވެ އެވެ. ރިޕޯޓުތައް ބުނާގޮތުގައި ޖިހާދު އެމެރިކާގެ ރާޑަރުތަކުން ގެއްލުނުތާ މިހާރު ދުވަސްކޮޅެއްވެފައިވާ ކަމަށާއި އޭނާ ބްރެޒިލަށް ގޮސްފައިވާ ކަން ކަށަވަރުވެ އެވެ.

ޖިހާދު ބްރެޒިލަށް އެތެރެވެފައިވަނީ އަންނަ އޮގަސްޓު މަހު ރިއޯގައި ފަށާ އޮލިމްޕިކްސްގެ ސަލާމަތާމެދު ކަންބޮޑުވުން ފާޅުކޮށް އެކަމާ ގިނަ ބަޔަކު ސުވާލު އުފައްދާފައިވަނިކޮށެވެ.

ގުއަންޓަނާމޯ ބޭ ޖަލު ހުސްކޮށް ޖަލު ބަންދުކުރަން އެމެރިކާގެ ރައީސް ބަރަަކް އޮބާމާވަނީ ނިންމަވާފަ އެވެ. އެއީ އެމަނިކުފާނުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އޭރު އޮބާމާ ވިދާޅުވީ، އެ ޖަލު މުޅި އެއްކޮށް ބަންދުކޮށް، ހައްޔަރީން އެމެރިކާގެ ފަސގަނޑުގައި ހުރި އެންމެ ހައި ސެކިއުރިޓީ ޖަލުތަކަށް ބަދަލުކުރައްވާނެ ކަމަށެވެ. އޮބާމާ މި ނިންމުން ނިންމިއިރު ޖަލުގައި ތިބީ 79 ގައިދީންނެވެ. އެ ގައިދީން އެހެން ގައުމުތަކުގެ ޖަލުތަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

އެމެރިކާގެ ރައީސްކަމުގެ މަގާމަށް އޮބާމ ާއައުމަށްފަހު އެތައް ބަޔަކުވަނީ ގުއަންޓަނާމޯ ބޭ ޖަލުން މިނިވަންކޮށްފަ އެވެ. މި މީހުންގެ ތެރެއިން 14 މީހުންވަނީ އެމެރިކާގެ މީހުންނާ ދެކޮޅަށް ދިން ހަމަލާތަކުގައި ބައިވެރިވެފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.