މަސްތުވާތަކެތި

9.6 ކިލޯގެ މަސްތުވާތަކެއްޗާއެކު ރާއްޖެ އައި ބޯޓެއް އަތުލައިގަނެ ތިން މީހަކު ހައްޔަރުކޮށްފި

  • ހައްޔަރުކޮށްފައިވަނީ ތިން ދިވެހިން
  • އަގު 7.5 މިލިއަން ރުފިޔާއަށް އަރާ
  • އަތުލައިގަތީ 8.5 ކެނެބިސް އާއި 1.1 ހެރޮއިން

ގިނަ އަދަދެއްގެ މަސްތުވާތަކެތި ހިފައިގެން ހިފައިގެން އިންޑިޔާއިން ރާއްޖެ އައި ބޯޓެއް ކަނޑުމަތިން ހިފަހައްޓައި ތިން މީހަކު ހައްޔަރުކޮށްފި އެވެ. އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީގެ އަގު 7.5 މިލިޔަން ރުފިޔާއަށް އަރާ ކަމަށް ފުލުހުން ބުންޏެވެ. ކަސްޓަމްސް އާއި ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި އެ ބޯޓުން 9.6 ކިލޯގެ މަސްތުވާތަކެތި އަތުލާފައިވެއެވެ.

އިސްކަންދަރު ބިލްޑިންގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑެޕިއުޓީ ހެޑް އޮފް ޑްރަގް އެންފޯސްމަންޓް އައިމިނަތު ސުޒީން ވިދާޅުވީ، އިންޑިއާއިން ރާއްޖެ އައި ބޯޓުން 8.5 ކިލޯގެ ކެނެބިސްގެ އިތުރުން 1.1 ކިލޯގެ ހެރޮއިން ވެސް އަތުލައިގެންފައިވާ ކަމަށެވެ.

އައިމިނަތު ސުޒީން ވިދާޅުވީ، އިންޑިއާގެ އަވަށަކުން ރާއްޖެއަށް މަސްތުވާތަކެއްޗާއެކު ރާއްޖެއަށް ބޯޓެއް އަންނަ ކަމުގެ މައުލޫމާތު މޯލްޑިވްސް ކަސްޓަމްގެ ފަރާތުން ލިބުމާއެކު މަސްތުވާތަކެތި ހޯދުމަށް ހާއްސަ ކަނޑުމަތީ އޮފަރޭޝަނެއް ފުލުހުން ހިންގި ކަމަށެވެ. ހަތްދިހަ ދެ ގަޑިއިރުގެ ދިގު އޮޕަރޭޝަނަކަށްފަހު ފޭދޫ ފިނޮޅުކައިރީ މަސްތުވާތަކެތި ގެނައި ދޯނި އޮތްކަމުގެ މައުލޫމާތު ލިބުމާގުޅިގެން އެ ތަނަށް ގޮސް އެ ދޯނި ބެލައި ފާސްކޮށް އޭގައި ހުރި މަސްތުވާތަކެތި އަތުލައި، ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 65 އަހަރާއި 55 އަހަރާއި 24 އަހަރުގެ ތިން ފިރިހެނުންނެވެ.

"އަޅުގަނޑުމެން އެ ދޯންޏަަށް އަރައި ސުވާލުކުރި ކުރުމުން އެނގުނީ، އެ ދޯނިން މަސްތުވާތަކެތި ގެނައިކަން، އަދި އިންޑިއާއިން މަސްތުވާތަކެތި ގެނައި ބޯޓާ ހަމަޔަށް އެތަކެތި ބަލައި ދިޔައީ ދެ ދިވެހިން ކަން. އެ ދޯނީގައި މަސްތުވާތަކެތި ހުއްޓާ ފެނުނީ ސްޓޯ ރޫމުގައި ހުރި ދެ ޕުޓީ ޓައްޕުގެ ތެރޭގައި ރައްކާކޮށްފައި ވަނިކޮށް. އޭގެ އެއް ޓައްޕުގެ ތެރެއިން ސެލޯފިންގައި ބަންދުކޮށްފައިވާ ބޮޑު ހަ ޕެކެތް އަދި އަނެއް ޕެކެޓް ތެރެއިން ޓޭޕް އަޅާފައިވާ ހަތަރު ޕެކެޓް ފެނުނު،" ސުޒީން ވިދާޅުވި އެވެ.

އެ މަސްތުވާތަކެއްޗާއެކު މި މީހުން އަތުލައިގެންފައިވަނީ މިމަހުގެ ނުވަ ވަނަ ދުވަހު ހަވީރު 3:20 ހާއިރު އެވެ.

މައްސަލަ އަދިވެސް ތަހުގީގު ކުރަމުންދާތީ އިތުރު މައުލޫމާތުތައް ލިބޭ މިންވަރަކުން ހިއްސާކުރަމުންދާނެ ކަމަށް ފުލުހުން ބުންޏެވެ.