ލައިފްސްޓައިލް

ކޮންމެ ދުވަހަކު ބޯންވީ އިނގުރު ފެން!

Jul 13, 2016
11

"މަށަށް ގެނޭ އެނާޖީ ޑްރިންކް އެއް!"
"މަށަށްވެސް ގެނޭ!"
މިއީ ގާތްގަނޑަކަށް ކޮންމެ ގަޑިއެއްގައި ކެފޭއެއް ނުވަތަ ރެސްޓޯރެންޓަކަށް ވަނަސް ކޮންމެހެންވެސް އިވޭ އަޑެކެވެ. ފިހާރައަކަށް ވަނަސް މިއަޑެވެ. ހާއްސަކޮށް މިކަމުގައި ދެވި ހިފައިގެން އެއާ ވަކި ނުވެވިގެން އުޅެނީ ޒުވާނުންނެވެ.

ހަށިގަނޑަށް އެއްވެސް ފައިދާއެއް ނުކުރާ އެނާޖީ ޑްރިންކެއް ކޮންމެ ދުވަހަކު ބޯއިރު ހަށިގަނޑަށް އެތައް އެތައް ފައިދާއެއް ފޯރުކޮށްދޭ ޖިންޖާ ވޯޓާ ނުވަތަ އިނގުރުފެނާ ދިމާލަށް ބަލައިވެސް ނުލެވެނީ އެވެ.

އިނގުރޭ ބުނެފިނަމަ ގިނަ ޒުވާނުން ގަންނާނީ ހަމަ ފަކުރެވެ. އޭގައި ދުވާ ވަހުންވެސް ތޯއްޗެކެވެ. އަނގަޔަށް މީރު ރަހައެއްވެސް ނުދޭތީ ކަމަށްވެސް ވެދާނެ އެވެ. އެކަމަކު އިނގުރަކީ ހަވާދުގެ ބާވަތްތަކުގެ ތެރެއިން މިއަދު ބާޒާރުން ވެސް އެންމެ ފަސޭހައިން ލިބެން ހުންނަ އެކައްޗެވެ. ސިއްހީ ގޮތުން ލިބޭ ފައިދާތަކުގެ ވާހަކަވެސް ދައްކާ ކޮޅުންލާނެ އެއްޗެއް ނޫނެވެ.

އެތައް މާއްދާތަކުން މުއްސަނދިވެ ބަޔޯއެކްޓިވް ކޮމްޕައުންޑްތައް ހިމެނޭ އިނގުރަކީ ހަޖަމް ކުރުމުގެ ނިޒާމަށް ދިމާވާ ހުރިހާ ބައްޔަކަށް ވެސް ފަރުވާ އެކެވެ. ތަފާތު ގޮތްގޮތަސް އިނގުރު ބޭނުން ކުރެވޭއިރު ހަށިގަނޑަށް އެންމެ ފައިދާހުރި ގޮތަކީ އިނގުރު ފެން ތައްޔާރުކޮށްގެން ބޭނުން ކުރުމެވެ. ކޮންމެ ދުވަހުގެ ކެއުމުގެ ކޮންމެސް އެއް ވަގުތެއްގައި ހިމަނާލަން ހިނގާށެވެ.

ހަޖަމް ކުރުމުގެ ނިޒާމުގައި މައްސަލަ ހުންނަ މީހުންނަށް އިނގުރު ފަރުވާއަކަށް ވަނީ އޭގައި ހުންނަ ސިއްހަތަށް ފައިދާކުރާ މާއްދާތަކުންނެވެ. ހާއްސަކޮށް އޭގައި ހިމެނޭ "ޖިންޖަރޯލް" ނަމަކަށް ކިޔާ މާއްދާގެ ސަބަބުންނެވެ. އިނގުރަކީ މީގެ އެތައް އަހަރެއް ކުރިން ފެށިގެން ވެސް ބޭސްފަރުވާގެ ތެރޭގައި ހިމަނައިގެން ބޭސް ތައްޔާރުކުރުމުގައި އިސް ދައުރެއް އަދާކުރި އެއްޗެކެވެ. މި ކަމަށް އެންމެ ރަނގަޅުކަމަށް ސިއްހީ މާހިރު ބުނަނީ އިނގުރު ފެން ބޭނުން ކުރުމުވެ. އޭގެތެރެއަށް މާމުއި އަޅައިގެން ވެސް ބޭނުން ކުރެވިދާނެ އެވެ. ލެމަންޓީގެ ތެރެއަށް އިނގުރު އިތުރުކޮށްލައިގެންވެސް ބޭނުންކުރެވިދާނެ އެވެ.

އިންފްލެމޭޓަރީ މައްސަލަ ހުންނަ މީހުންނަށް ވެސް އެންމެ ރަނގަޅި އިނގުރެވެ. އޭގައި ހުންނަ އެންޓި-އިންފްލެމޭޓަރީ މައްދާތަކާއި އެންޓިއޮކްސިޑެންޓް މާއްދާތަކުން ހިތުގެ ބައެއް ބަލިތަކާއި ވެސް ދުރުކޮށްދެ އެވެ. އަދި ކެންސަރާއި ވެސް ދުރުކޮށްދެ އެވެ. ކޮންމެ ދުވަހަކުވެސް މަލްޓިވިޓަމިން ކަހަލަ އެއްޗަކާއެކު އިނގުރުފެން ބޭނުންކުރުމުން ހަށިގަނޑުގެ ދުޅަހެޔޮކަން އެތައް ގުނައެއް އިތުރުކޮށްދެ އެވެ.

ބޯނއަނބުރާ ގޮތްވެ ހޮޑުލަވާނަމަވެސް އެންމެ ރަނގަޅީ އިނގުރު ފެނެވެ. އެއީ ކޮންމެ ބައްޔަކާ ގުޅިގެން ވިއަސްމެ އެވެ. އަދި ބަނޑުގައި ރިއްސުމަށްވެސް އެންމެ ރަނގަޅު ފަރުވާއަކީ މިއީ އެެވެ. ވަކި ބައްޔަކާއި ގުޅިގެން ނޫނަސް ކޮންމެ ދުވަހަކުވެސް އިނގުރުފެން ބޭނުންކުރާނަމަ ދިފާއީ ނިޒާމް ވަރުގަދަވެ ކުދި ކުދި ބަލިތަކުންވެސް ދުރުކޮށްދެ އެވެ.