މޯލްޑިވްސް ކަސްޓަމްސް ސާވިސް

އަވަހަށް ހަލާކުވާ ކާބޯތަކެތީގެ ޑިއުޓީ ފަސް ކުރެވޭ އުސޫލެއް ކަނޑައަޅައިފި

Jul 13, 2016

އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތީގެ އިމްޕޯޓް ޑިއުޓީ ދެއްކުން ފަސް ކުރެވޭ އުސޫލުތަކެއް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ކަނޑައަޅައިފި އެވެ.

ކަސްޓަމްސް އިން މިއަދު ބުނީ ކަސްޓަމްސްގެ ގަވައިދުގެ 130 ވަނަ މާއްދާގެ (ރ) ގައި ބަޔާން ކުރާ އަވަހަށް ހަލާކުވާ ޒާތުގެ ތަރުކާރީ އާއި މޭވާ އާއި ފިނި ކުރި މަހާއި ޗީޒް ފަދަ ތަކެތި މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން ޑިއުޓީ ދެއްކުން ފަސް ކުރެވޭ އުސޫލެއް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ.

ކަސްޓަމްސް އިން ބުނީ ހާއްސަ ހާލަތަކާއި ގުޅިގެން އެފަދަ މުދަލަކަށް ގެއްލުން ލިބިދާނެ ކަމަށް ގަބޫލު ކުރެވި މުދަލުގެ ވަރިފަރާތުން ހުށަހަޅަިފިނަމަ ކަސްޓަމްސް އިން ބެލުމަށްފަހު އެ ފަދަ މުދަލެއްގެ ޑިއުޓީ ދެއްކުން ފަސް ކުރުމަށް ފަހު މުދާ ދޫކޮށްދޭނެ ކަމަށެވެ. އަދި އެގޮތަށް ޑިއުޓީ ދެއްކުން ފަސް ކޮށް ދިނުމަށްފަހު މޫދާ ދޫކުރަނީ ކަސްޓަމްސްގައި ޕްރީ ޕޭމެންޓް އެކައުންޓް ހުށަހަޅާފައިވާ އަދި އެކައުންޓްގައި ފާސާ ހުރި ފަރާތްތަކާއި ރިސޯޓްތަކަށް ކަމަށެވެ.

މީގެ އިތުރުން ސިސްޓަމްތަކަށް މައްސަލައެއް ދިމާވެގެން ގުޑްސް ޑިކްލަރޭޝަން ނުނިންމޭ ހާލަތެއް މެދުވެރިވެ މުދަލަށް ގެއްލުން ލިބިދާނެ ކަމަށް ގަބޫލް ކުރެވޭ ހާލަތުގައި ވެސް ޑިއުޓީ ފަސްކޮށް މުދާ ދޫކުރާނެ އެވެ.

ކަސްޓަމްސް އިން ބުނީ ޑިއުޓީ ފަސްކޮށް ދިނުމަށްފަހު ދޫކުރާ މުދަލަށް ޑިއުޓީ 48 ގަޑި އިރުގެ ތެރޭގައި ދައްކަން ޖެހޭނެ ކަމަށާއި ދައުލަތުގެ ވިޔަފާރި ކުންފުނިތައް ފިޔަވައި ދައުލަތުގެ އެހެން އިދާރާއެއް ނަމަ ގިނަވަގެން 30 ދުވަހުގެ ތެރޭގައި ޑިއުޓީ ދައްކަން ޖެހޭނެ ކަމަށާއި ޑިއުޓީ ދެއްކުން ފަސްކޮށް ދިނުމަށްފަހު އެފަދަ ތަކެތި އިތުރަށް ދޫކުރާނީ ދައްކަން ޖެހޭ ޑިއުޓީ ދައްކާފައިވާނަމަ ކަމަށެވެ. އަދި ކަނޑައަޅާފައިވާ މުއްދަތަށް ފައިސާ ނުދައްކާނަމަ އިތުރު 10 ދުވަސް ދީ އެމުއްދަތުގައި ނުދައްކާނަމަ އެ ފަރާތަކަށް ހިދުމަތް ދިނުން މެދު ކަނޑާލާނެ ކަމަށެވެ.