މޯލްޑިވްސް ކަސްޓަމްސް ސާވިސް

މިދިޔަ މަހު 4.7 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފި

May 15, 2022

ރާއްޖެއަށް މިއަހަރުގެ އޭޕްރީލް މަހު 4.7 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފި އެވެ.

ކަސްޓަމްސްގެ އޭޕްރީލް މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އޭޕްރީލް މަހު ރާއްޖެއަށް އިމްޕޯޓް ކުރި މުދަލުގެ އަގު މިދިޔަ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު 63 އިންސައްތަ އިތުރުވެފައިވެ އެވެ.

މިދިޔަ އޭޕްރީލް މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގު 4.7 ބިލިއަން ރުފިޔާއަށް އަރާއިރު މިދިޔަ އަހަރުގެ އޭޕްރީލް މަހު ރާއްޖެއަށް އެތެރެކޮށްފައިވަނީ 2.9 ބިލިއަން ރުފިޔާގެ މުދަލެވެ.

ރާއްޖެއަށް އެތެރެކުރި މުދާ އިތުރުވުމާ ގުޅިގެން މިދިޔަ އަހަރުގެ އޭޕްރީލް މަހަށް ވުރެ މިއަހަރުގެ އޭޕްރީލް މަހު ދައުލަތަށް ލިބުނު އާމްދަނީ ވެސް އިތުރުވެފައިވެ އެވެ. އެގޮތުން މިދިޔަ އަހަރުގެ އޭޕްރީލް މަހު އާމްދަނީގެ ގޮތުގައި 26 މިލިއަން ރުފިާ ލިބިފައިވާއިރު މިދިޔަ އޭޕްރިލް މަހު އާމްދަނީގެ ގޮތުގައި ލިބުނީ362 މިލިއަން ރުފިޔާ އެވެ.

މިއަހަރުގެ އޭޕްރީލް މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އޮމާން، އިންޑިއާ އަދި ޔޫއޭއީ އެވެ. އޮމާން އިން 1.4 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އިންޑިއާ އިން 655 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެ އެވެ. މީގެއިތުރުން ޔޫއޭއީ އިން 534 މިލިއަން ރުފިޔާގެ މުދާ މިދިޔަ މަހު އެތެރެކޮށްފައިވެ އެވެ.

ތަފާސްހިސާބުތަކުގައިވާ ގޮތުން މިދިޔަ އޭޕްރީލް މަހު ރާއްޖެއިން ބޭރުކުރި މުދަލުގެ އަގު 231 މިލިއަން ރުފިޔާ އަށް އަރާއިރު ރޯޔަލްޓީގެ ގޮތުގައި 8.9 މިލިއަން ރުފިޔާ ވެސް ކަސްޓަމްސް އަށް ލިބިފައިވެ އެވެ.