މޯލްޑިވްސް ކަސްޓަމްސް ސާވިސް

ފުރަތަމަ ހަމަސް ތެރޭގައި 5.2 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފި

Jul 24, 2022

މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި 5.2 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮށްފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް އެތެރެކޮށްފައިވަނީ 2.9 ބިލިއަން ރުފިޔާގެ މުދަލެވެ. ނަމަވެސް މިއަހަރުގެ ފުރަތަމަ ހަމަސް ދުވަސް ނިމުނުއިރު 5.2 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެ އެވެ.

މިދިޔަ ޖޫން މަހު ރާއްޖެއަށް އިމްޕޯޓް ކުރި މުދަލުގެ ސީއައިއެފް އަގު ވެސް މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 78 އިންސައްތަ ވަނީ އިތުރުވެފަ އެވެ. އެކްސްޕޯޓް ކުރި މުދަލުގެ އެފްއޯބީ އަގުވެސް ވަނީ މިދިޔަ އަހަރުގެ ޖޫން އަށް ވުރެ މިއަހަރުގެ ޖޫން މަހު އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ ޖޫންގައި އެފްއޯބީ އަގު 154 މިލިއަން ރުފިޔާގައި ހުރި މިއަހަރުގެ ޖޫންގައި އެ އަގު ހުރީ 247 މިލިއަން ރުފިިޔާގަ އެވެ.

މިދިޔަ ޖޫން މަހު ދައުލަތަށް ލިބުނު އާމްދަނީ ވެސް ވަނީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 44 އިންސައްތަ އިތުރުވެފަ އެވެ. ކަސްޓަމްސް މެދުވެރިކޮށް މިދިޔަ އަހަރުގެ ޖޫން މަހު 274 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ޖޫން މަހު 394 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މިދިޔަ ޖޫން މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އޮމާން، އިންޑިއާ، ޗައިނާ، ޔޫއޭއީ އަދި މެލޭޝިއާ އެވެ.

އޮމާން އިން 1.1 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު އިންޑިއާ އިން 636 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެ އެވެ. ޗައިނާ އިން 558 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިިވާ ޔޫއޭއީ އިން 435 މިލިއަން ރުފިޔާގެ މުދާ އަދި މެލޭޝިޔާ އިން 428 މިލިއަން ރުފިޔާގެ މުދާ މިދިޔަ ޖޫން މަހު އެތެރެކޮށްފައިވެ އެވެ.

މިދިިޔަ ޖޫން މަހު ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓް ކޮށްފައިވަނީ ތައިލެންޑާއި، ޖަރުމަނާއި، އިނގިރޭސިވިލާތާއި، އިންޑިއާގެ އިތުރުން ފްރާންސަށެވެ.