މޯލްޑިވްސް ކަސްޓަމްސް ސާވިސް

އެއާވޭ ބިލާއި ހައުސް އެއާވޭ ބިލުގެ ނަމްބަރު ދިމާކުރަން އަންގައިފި

މުދާ އިމްޕޯޓް ކުރުމަށްޓަކައި ކަސްޓަމްސްއަށް ހުށަހަޅާ ޑިކްލަރޭޝަން ފޯމު ހުށަހަޅާއިރު އަންނަ އަހަރުން ފެށިގެން އެއާވޭ ބިލް ނަންބަރާއި އެމުދަލުގެ ހައުސް އެއާވޭ ބިލުގެ ނަމްބަރު ދިމާކޮށްފައި ހުށަހެޅުމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަންގައިފި އެވެ.

ކަސްޓަމްސް އިން މިދިޔަ އާދީއްތަ ދުވަހު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ޑިކެލަރޭޝަންގައި އެއާވޭ ބިލް ނަންބަރާއި އެ މުދަލުގެ ހައުސް އެއާވޭ ބިލުގެ ނަމްބަރު ދިމާނުވުމުގެ ސަބަބުން މުދާ ކްލިއާކުރުމުގެ ޕްރޮސެސް އަވަސް ކުރުމަށް ކަސްޓަމްސްގައި ބޭނުންކުރާ ސިސްޓަމުތަކަށް ހުރަސްތަކެއް ކުރިމަތިވާ ކަމަށެވެ. އަދި ބަނދަރު ހިންގާ ފަރާތްތަކާއެކު މުދަލުގެ މައުލޫމާތު ބަދަލުކުރުމަށް ބޭނުންކުރާ ސިސްޓަމުތައް ބޭނުން ކުރުމުގައިވެސް ދަތިތަކެއް ކުރިމަތިވާ ކަމަށް ފާހަގަކޮށްފައިވެ އެވެ.

ޑިކްލަރޭޝަން ހުށަހެޅުމުގައި ސަމާލުވާންޖެހޭ ކަންތައްތައް:

  • މާސްޓާ އެއާވޭ ބިލް ނަމްބަރުގެ ގޮތުގައި ބަޔާންކުރާ ނަމްބަރަކީ އުޅަނދުގެ ކާގޯ މެނިފެސްޓުގައި ބަޔާންކޮށްފައި އޮންނަ ފޯމެޓާ އެއްގޮތަށް އޮތް ނަމްބަރަކަށްވުން
  • ހައުސް އެއާވޭ ބިލް ނަމްބަރުގެ ގޮތުގައި ބަޔާންކުރާ ނަމްބަރަކީ އެ މުދަލުގެ ހައުސް އެއާވޭ ބިލުގައި ބަޔާންކޮށްފައި އޮންނަ ފޯމެޓާ އެއްގޮތަށް އޮތް ނަމްބަރަކަށްވުން

މީގެ އިތުރުން އަންނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފަށިގެން ހުށަހަޅާ މުދާ ޑިކްލަރޭޝަންތަކުގައި ބަޔާންކޮށްފައިވާ އެއާވޭ ބިލް ނަންބަރާއި ހައުސް އެއާވޭ ބިލުގައި ބަޔާންކޮށްފައި އޮންނަ ނަންބަރާ ނުވަތަ ބަނދަރު ހިންގާ ފަރާތްތަކަށް ހުށަހަޅާ މައުލޫމާތު ދިމާނުވާނަމަ، އެ ޑިކްލަރޭޝަނަށް މުދާ ދޫކުރެވޭނީ ކަސްޓަމްސް އިން އަންގާ ގޮތަކަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށްފަހުގައި ކަމަށްވެސް ކަސްޓަމްސް އިން ބުނެފައިވެ އެވެ.