އިމްޕޯޓް އެކްސްޕޯޓް

އިމްޕޯޓާއި އެކްޕޯޓުން ލިބުނު އާމްދަނީ އިތުރު

މިދިޔަ މަހުގެ އިމްޕޯޓާއި އެކްޕޯޓުން ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އިތުރުވެފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ކަސްޓަމްސް އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހު އިމްޕޯޓާއި އެކްޕޯޓުން ދައުލަތަށް 325 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު 27 ޕަސެންޓްގެ އިތުރުވުމެކެވެ.

މިދިޔަ މަހު ރާއްޖޭގެ އިމްޕޯޓާއި އެކްސްޕޯޓު ވެސް ވަނީ އިތުރުވެފަ އެވެ. އެގޮތުން 3.8 ބިލިއަން ރުފިޔާގެ މުދާ ރާއްޖެ އެތެރެކޮށްފައިވާއިރު 309 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓު ކޮށްފައިވާ ކަމަށް ކަސްޓަމްސްއިން ބުނެ އެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އެތެރެކޮށްފައި ވަނީ 2.7 ބިލިއަން ރުފިޔާގެ މުދަލެވެ. ބޭރުކޮށްފައި ވަނީ 239 މިލިއަން ރުފިޔާގެ މުދަލެވެ.

އެންމެ ގިނައިން ރާއްޖެއަށް މުދާ އިމްޕޯޓުކޮށްފައި ވަނީ އޮމާން، ޔޫއޭއީ، އިންޑިއާ އަދި ޗައިނާއިންނެވެ. އަދި ރާއްޖެއިން އެންމެ ގިނަ މުދާ އެކްސްޕޯޓުކޮށްފައި ވަނީ ތައިލެންޑް، އިންގްލޭންޑް އަދި ޖަރުމަނަށެވެ.

އިމްޕޯޓާއި އެކްސްޕޯޓުން ރޯޔަލްޓީގެ ގޮތުގައި ދައުލަތަށް 13.2 މިލިއަން ރުފިޔާ މިދިޔަ މަހު ވަނީ ލިބިފަ އެވެ.