ވިޔަފާރި

ދިރާގު ކަސްޓަމަރުން ސަމާލުވޭ! އޮޅުވާލައިގެން ފައިސާ ހޯދަނީ!

Feb 17, 2015

ފައިސާ ލިބޭނެ ކަމަށް ބުނެ "ފޭކު ފޯނުކޯލު" ތަކެއް ބަޔަކު ކުރަމުންދާ ކަމަށާއި، އެކަމަށް ސަމާލުވުމަށް ދިރާގުން މިއަދު އިލްތިމާސްކޮށްފި އެވެ.

ދިރާގުގެ މައި އޮފީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ދިރާގުގެ މެނޭޖަރު މާކެޓިން އެންޑް ކޮމިއުނިކޭޝަން މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ ދިރާގުން ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށް ބުނެ، ބަޔަކު އޮޅުވާލައިގެން ފައިސާ ހޯދަމުންދާ ކަމަށެވެ.

"ކަސްޓަމަރުންނަށް ގުޅާފައި ބުނަނީ މިއީ ދިރާގުންނޭ! މި ޕްރޮމޯޝަންގައި ބައިވެރިވެގެން ވަކި އަދަދެއް ރީލޯޑް ކޮށްލަދޭށޭ. އޭރުން ފައިސާގެ އިނާމެއް ލިބޭނެއޭ! މި ކަމަށް ކަސްޓަމަރުން ސަމާލުވާން ޖެހޭ،" މިރުޝާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިރާގުގެ އެއްވެސް ޕްރޮމޯޝަނެއްގައި ވަކި އަދަދެއްގެ ފައިސާ ޕްރިޕެއިޑް ފޯނަކަށް ރީލޯޑް ކުރުމަށް ނުބުނާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ޕްރޮމޯޝަނެއްނަމަ މީޑިއާ މެދުވެރިކޮށް ހާމަކޮށް ގެންދާނީ. ދިރާގުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން އަންގަމުން ގެންދާނެ،" މިރުޝާން ވިދާޅުވި އެވެ.

ނިއުސްކޮންފަރެންސުގައި އިންސްޕެކްޓާ އޮފް ޕޮލިސް އިބްރާހިމް ޝަރީފު ވިދާޅުވީ އޮޅުވާލުމުގެ ފޯނު ކޯލުތައް އުރީދޫގެ ނަމްބަރުތަކަށްވެސް  ލިބެމުންދާ ކަމަށެވެ.

"މިއީ ހަމައެކަނި ދިރާގު ކަސްޓަމަރުންނަށް އެކަނި އަންނަ ކޯލްތަކެއް ނޫން. މިކަމަށް ސަމާލުވެ މިފަދަ ކޯލެއް ނަމަ އަޅުގަނޑުމެންނާ ގުޅިގެން މަސައްކަތް ކުރުމުން މިކަން ކުރާ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން ފަސޭހަވާނެ،" ޝަރީފު ވިދާޅުވި އެވެ.